ސެޕްޓެމްބަރ 22, 2024

ޑޮލަރު އެކްސްޗޭންޖް ރޭޓް ދަށްކުރުމުގެ މަސައްކަތް ފަށައިފި

ޑޮލަރު އެކްސްޗޭންޖް ރޭޓް ދަށްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ބޭއްވި ފުރަތަމަ ފޯރަމްގައި މިރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުދި ވިޔަފާޜިތަކަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ޑޮލަރު ލިބެން ނެތުން ކަމަށެވެ. އަދި ރާއްޖޭގައި ފުޅާދާއިރާއެއްގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

”ރައީސްގެ މަަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އަޅުގަނޑުމެން މި އެކްސްޗޭންޖު ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން,“ ސައީދު ވިދާޅުވިއެވެ.

ރަސްމީ މާކެޓްގައި ޑޮލަރު ވިއްކަނީ 15.42 އަށެވެ. ނަމަވެސް ކަޅުބާޒާރުގައި 18 ރުފިޔާއަށް ވުރެ މައްޗަށް ޑޮލަރު ރޭޓް ހުރެ އެވެ.

ޑޮލަރު ނުލިބުމުގެ މައްސަލަ ބޭންކް އޮފް މޯލްޑިވްސްއަށް ވެސް ވަނީ ދިމާވެފައެވެ. އެކަމުގެ ސަބަބުން އެތަކެއް ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ.