ނޮވެމްބަރ 24, 2024

ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި މަދުވެގެން 62 ގޮނޑި ބޭނުންވާކަމަށް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕީއެމް / ޕީއެންސީ ކޯލިޝަނަށް މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަމައްދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާބު ކުރާނެކަމަށެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައިކަމަށެވެ. އަދި ސަރުކާރާއި މެދު ރައްޔިތުންނަށް އޮތް އިތުބާރު ދެމެހެއްޓޭނެ ކަމަށެވެ.

“ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އެކަންތައް ކޮށްދެވޭނެ. އަދި ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ. އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހުލާސްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްކުރުން. ހެޔޮނިޔަތާއި ތެދުވެރިކަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާން ކަމާއި އެކު ޕްރައިމަރީގެ ކަންކަން ކުރިޔަށް ދިޔަނަމަވެސް އެހެން އިންތިޚާބުގައިވެސް މެންބަރުންގެ ކަންބޮޑުވުންތައް ހުރި ފަދައިން މިއިންތިޚާބުގައިވެސް މެންބަރުންގެ ކަންބޮޑު ހުރިކަމަށެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ޝަކުވާއެއް އޮތްކަމަށްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމުން ދެފުށް ފެންނަގޮތަށް އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ..

ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލައަށް އިންތިޚާބުގައި ވާދަކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަހަރު އެ މަންޒަރު ނުފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓުންނާ ގުޅިގެން އެހެން ކެންޑިޑޭޓުން މަސައްކަތް ކުރުމަށް އިގުރާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.