ޖުލައި 6, 2024

ޔާމީންގެ ސުވާލެއް ޑރ މުއިއްޒުއަށް – ގޯސްކޮށް ކަންތައްތަކެއް ނުކުރައްވާނަމަ އަޒުލުކޮށްފާނެތީ ސިހެންވީ ކީއްވެތޯ..؟

ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒު ގޯސްކޮށް ކަންތައްތަކެއް ނުކުރައްވާނަމަ، ރައްޔިތުންގެ މަޖިލީހުން އަޒުލުކޮށްފާނެތީ އެ ވަރަށް ސިހެންވީ ކީއްވެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމިން ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ ޕީއެންއެފްގެ ފަރާތުން ރައްޔިތުން މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ތައާރަފްކުރުމުގެ ގޮތުން އެ އޮފީހުގައި ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންނާއި ސުވާލުކުރައްވަމުންނެވެ.

ރައީސް ޔާމިން ޑރ މުއިއްޒުއަށް ސިދާއަމާޒުކޮށް ހަރުކަށި ރާގަކަށް ދެއްކެވި ވާހަކައިގައި ވިދާޅުވީ ވެރިކަމުން ދުރުކޮށްފާނެތީ އެ ކަމާ ފިކުރުބޮޑުކުރަން ނުޖެހޭ ކަމަށާއި، ވެރިކަމަށް އަންނަނީ ވެރިކަމުގައި ބަގުޑި ބައްދަން ނޫން ކަަމަށެވެ. އަދި ގޯސްކޮށް ކަންތައްތަކެއް ނުކުރައްވާނަމަ، މަޖިލީހުން އަޒުލުކޮށްފާނެތީ އެ ވަރަށް ސިހެންވީ ސަބަބެއްނެތްކަމަށެވެ.

ވެރިކަން ބަދަލުކޮށްފާނެތީ ރައީސް ޑރ މުއިއްޒު ސިހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ އެމަނިކުފާނުގެ ބަހުރުވައިން ރައީސް މުއިއްޒު ސިޔާސީ ގޮތުން އަދިވެސް ޖެހިލުންވާކަން ދެއްކުމަށް ވިދާޅުވި ވާހަކަ އެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ސިފަ ކުރައްވާއިރު ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބުނަމުން ދާގޮތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދަނީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަކަމާއި އެކު އެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށް ކުރިޔަށް މަޝްރޫއުތަކެއް ރޭވިފައި ހުރި ނަމަ، ނުވަތަ އެ ޕްރޮޖެކްޓެއް ކުރިޔަށް ދާނަމަ އަޒުލު ކުރުމުގެ ބަހާއި ދެކޮޅަށް އެހާ ކަންބޮޑުވާން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

”މުޅި ސަރުކާރު އޮތް ގޮތަށް ޑިފެންސަށް ފައިބަން ޖެހޭނީ، ގޯސްތަކެއް ވާތީ ނުވަތަ ހިދުމަތްތައް ނުދެވޭކަން ކޮންމެވެސް މިންވަރަކަށް ގަބޫލު ކުރެވޭތީ ނޫން ތޯ“ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމުގެ އަޑުތަކާއި އެކު މުޅި ސަރުކާރާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޑިފެންސަށް ފައިބަން ނުޖެހޭކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އިހުލާސްތެރި މަސައްކަތެއް ކުރާ ބަޔަކު ސިޔާސީ ގޮތުން އަންނަ އުންޑައަކަށް ޖެހިލުން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނެ ގޮތުގެ އިޖުރާއަތްތަކާއި އޭގެ ތަފްސީލުތައް ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި އެއީ ދުލުން ބުނެލަސް ފަސޭހަކަމެއް ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ބަލައި ފަސޭހަ މަސައްކަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

Leave a Reply