ސެޕްޓެމްބަރ 23, 2024

ފަރުމަސްވެރިންނަށް ރަހުނަކާ ނުލައި 700،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ ގޮތް ހަދައިފި

ރަހުނަކާ ނުލައި ފަރުމަސްވެރިންނަށް 700،000 ރުފިޔާ ހަމައަށް ލުއި ލޯނު ލިބޭ ޕްރޮގްރާމް އިފުތިތާހުކޮށްފި އެވެ.

ށ. ކޮމަންޑޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސްވެރިކަމުގެ ބާވަތެއް ކަމުން ފަރުމަސް ވެރިކަމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުންދީ މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

”އަޅުގަނޑުމެންނަށް މި ފަރުމަސްވެރިކަމަށް މި ހުޅުވައިލެވޭ ލޯނުގައި، އައިސްޕްލާންޓުގެ ވާހަކައެއް ނޫން މި ދައްކަނީ، ފަރުމަސްވެރިކަމަށް، 700،000 ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު އަދި އެ ލޯނަކީ އެއީ ވަަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން އަޅުގަނޑުމެންނަށް މި އެނގެނީ“ ޝިޔާމް ވިދާޅުވި އެވެ.

މީގެ ކުރިން ރަހުނު ނުބަހައްޓައި މަސްވެރިންނަށް އެންމެ މަތީ އަދަދަކަށް ނެގެނީ 500،000 ރުފިޔާގެ ލޯނެކެވެ.

ރޭގެ ރަސްމިއްޔާތުގައި މަސްވެރިންގެ ދަފުތަރުވެސް ވަނީ އިފުތިތާހުކޮށްފަ އެވެ. އެއާއެކު ޝިޔާމު ވިދާޅުވި، ހަފުތާގެ14 ގެ ދަށުން ފިޝަރީޒް މިނިސްޓްރީން ކުރަންޖެހޭ ކަންކަންކޮށް ފުރިހަމަކޮށް ނިމުނީ ކަމަށެވެ.

”މި ދެ ޕްރޮގްރާމާއެކީގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ގުޅުންހުރި ހަފުތާ14ގެ ހުރިހާ ޕްރޮގްރާމުތަކެއް ﷲ ގެ ތަނަވަސް ރަހުމަތުން އަޅުގަނޑުމެންނަށް މި އިފުތިތާހު ކުރެވުނީ“ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސްވެރިންނަށް މިހާރު އެކި ކަހަލަ އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނައިރު، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކި ޑިއު ވެގެންދާ ކަމަށެވެ. އަދި ކޮލެޖުތަކަށް ފީ ނުދެއްކިފައި ތިބި އިރު، ޔުޓިލިޓީސް ބިލު ނުދެއްކުމުގެ ސަބަބުން، އިންޓްރެސްޓު އެރުމުގެ އިތުރުން ބައެއް މަސްވެރިންގެ ގެތަކުން ފެނާއި ކަރަންޓު ކަނޑާފައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް މަސްވެރިންގެ ދަފުތަރު މުއައްސަސާތަކާ ގުޅުވާލެވޭ ހިސާބުން މިފްކޯއިން، މަސްދޯނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދާއި ދުވަސް މުއައްސަސާތަކަށް އެގެން ހުންނާނެ ކަމަށާއި އޭރުން އެފަދަ އެއްވެސް ދަތިކަމެއް މަސްވެރިންނަށް ދިމާނުވާނެ ކަމަށް ވިދާޅުވި އެވެ.

”އެއްކަލަ ޔުޓިލިޓީ ކުންފުނިން އެއީ ފެނަކަ ވިޔަސް އެއީ ސްޓެލްކޯ ވިޔަސް އެގޭގެ ކަރަންޓު ނޫނީ އެގޭގެ ފެން ކަނޑާނުލާ ބެހެއްޓޭނެ އިންތިޒާމުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަނގަޅު މަސައްކަތެއް ދަފުތަރާއެކީ ކޮށްފިކަމަށްވަންޏާ އެކަންތައް އަޅުގަނޑުމެންނަށް ހައްލު ކޮށްލެވޭނެ“ ޝިޔާމް ވިދާޅުވި އެވެ.