ރ. ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ހާއްސަ ޓީމަކުން އެރަށަށް ގޮސް، އެ މައްސަލަ ހައްލުކޮށްފި އެވެ.
ދުވާފަރުގެ ކަރަންޓު ކޭބަލްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން އިއްޔެގެ އެތައް އިރެއްވަންދެން އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް އޮތީ ކެނޑިފަ އެވެ.
އެ މައްސަލަ ހައްލު ކުރަން އެމްޑަބްލިޔުއެސްސީން ކުރަމުންދިޔަ މަސައްކަތަށް ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމަކުން އެ ރަށަށް ދާން ފުރިކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އިއުލާން ކުރެއްވީ ރޭ ދަންވަރު އެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުވާފަރަށް ދިޔަ އެ ކުންފުނީގެ ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.
”ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުންޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ގައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތްތަކަށް ފަހުރުވެރިކަމާއި ސާބަހާއެކު ޝުކުރު ދަންނަވަން. ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ހިދުމަތުގައި،“ ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
ޕަބްލިކް ލަޔަބިލިޓީ އިންޝުއަރެންސް; ވޯޓާސްޕޯޓްސް ސެންޓަރުތަކަށް ފުރިހަމަ ރައްކާތެރިކަން
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
މޯލްޑިވް ގޭސް އިން ގޭސް ޑެލިވަރީ ވަގުތު އިތުރުކޮށްފި: ރައްޔިތުންނަށް އިތުރު
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ