އެމްޑީޕީގެ ރައީސް ކަމަށް އައްޔަންކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެ މަނިކުފާނުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދު މެންދުރު 2:00 އަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަންޏެވެ. އެހެންވެ އިންތިހާބަކާ ނުލައި، އޭނާއަށް ރައީސްކަން ލިބިފައިވާކަން އެމްޑީޕީން ވަނީ އިއުލާންކޮށްފަ އެވެ.
ޝާހިދަށް މަރުހަބާ ވިދާޅުވެ ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ޝާހިދު ކޮށްދެއްވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސޯލިހުގެ އެ ޕޯސްޓު ރީޝެއާ ކުރައްވައި ޝާހިދު ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި އެމްޑީޕީގެ އިސް ލީޑަރުކަމާއި ވަގުތީ ރައީސްގެ ހައިސިއްޔަތުން ސޯލިހު ދިވެހި ގައުމާއި ރައްޔިތުންނާއި އެމްޑީޕީއަށް ކޮށްދެއްވާފައިވަނީ ގިނަގުނަ، ތެދުވެރި އަދި އިހުލާސްތެރި ހިދުމަތްތަކެއްކަން ފާހަގަކޮށް ޝުކުރު ދަންނަވައިފަ އެވެ.
”އަޅުގަނޑު މި ހަވާލުވި މަގާމުގެ ވާޖިބުތަށް އަދާކުރުމުގައި މަނިކުފާނުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭކަމެކެވެ.،“ ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި