މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން މަސްވެރިން ކުރަމުންދާ މުޒާހަރާގެ ސަބަބުން މަސްވެރިންނަށް މާބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރު، މަސްވެރިކަމުގެ ދާއިރާވެސް އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފައި ކަމަށެވެ.
އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 442 މިލިއަން ރުފިޔާ ދެވިފައިވާއިރު، އަދިވެސް ނުދެވި 298 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
”މަސްވެރިންނަށް ވެސް ދޭންޖެހޭ ފައިސާ ވެސް ހަމަ ދެމުންދާނީ. މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިންވެސް މިކަން ގަބޫލު ކުރެއްވުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ހުރެފައި، ގަސްތުގައި ނުދީ ނުތިބޭނަން. އެއީ އަޅުގަނޑު ކަންތައް ކުރާނެ ގޮތެއް ނޫން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މަސްވެރިން ކުރާ މުޒާހަރާތައް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެކަން އެހެން ކުރައްވައިގެން މަސްވެރިންނަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން އަނެއްކާވެސް މަޝްވަރާ ކުރުމަށް އެދިވަޑައިގެންނެވި އެވެ.
”އެދެނީ ހަމަ އިތުރަށް މަޝްވަރާ އަނެއްކާވެސް ކުރައްވަން. އަަޅުގަނޑުވެސް މިހުރީ ތައްޔާރަށް. އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާނަމަ މިރޭވެސް މާދަންވެސް މަޝްވަރާ ކުރަން ތައްޔާރަށް. އެހެންވީމަ މަޝްވަރާގެ އުސޫލުން ވާހަކަ ދެކެވިގެން، ރީތި އުސޫލުން ކަންކަން ކުރީމަ ކަންކަންވާނީ… ރުންކުރުކަމާއި ގަދަފަދަ ކަމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ވާނެ ކަމެއް ނޫން އެއީކީއެއް. އަޅުގަނޑުމެނަށް ކޮންކަމެއްތޯ ހާސިލުވާނީ އެކަން ކޮށްގެން. ނުވާނެ އެއްވެސް ކަމެއް ހާސިލެއް،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ
އަންނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނަން, ކާމިޔާބުވެސް ކުރާނަން: ނަތަންޔާހޫ
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
1.9 މިލިއަންގެ ވަގު ޓީޓީ މައްސަލަ: 38 އަހަރުގެ ޖަލު ހުކުމުން
ނަމާދަށް ރައްކާތެރިނުވާ މީހާ ގިޔާމަތް ދުވަހު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާ