ޖުލައި 6, 2024

ދިމްޔާތުގައި ހުންނެވި މުއްދަތަށް ހަރަދު ކުރެއްވީ އަމިއްލަފުޅަށް، ދައުލަތުން ހަރަދެއް ނުކުރުވަން: ރައީސް

މުލިއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން، އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ދިރިއުޅުއްވި މުއްދަތަށް ދައުލަތުން 25 މިލިއަން ރުފިޔާ ހަރަދުކުރެއްވި ކަމަށް ބުނެ ފަތުރާ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވަމުން ގެންދެވީ ދިމްޔާތުގަ އެވެ. އެއީ މުލިޔާގޭގެ ބައެއް މަރާމާތު ކުރަންޖެހިފައި ހުރުމުންނެވެ. އެ މަނިކުފާނުގެ އާއިލާ މުލިއާގެއަށް ބަދަލުވެވަޑައިގަތީ މި މަހުގެ ކުރީކޮޅު އެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ވަނީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރިއްކޮޅު ހަރަދަށް ދައުލަތުން 30 މިލިއަން ރުފިޔާ އަދި އަމިއްލަ ގެކޮޅުގައި ހޭދަކުރެއްވި މުއްދަތަށް 25 މިލިއަން ރުފިޔާ ހަރަދުކުރެއްވި ވާހަކައިގެ ހަގީގަތް ހާމަކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

އެކަމުގެ ހަގީގަތް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، އަމިއްލަ ގެކޮޅުގައި ހޭދަކުރެއްވި މުއްދަތަށް 25 މިލިއަން ހަރަދުކުރެއްވި ވާހަކައަކީވެސް ދޮގެއް ކަމަށާއި އެ މުއްދަތުގައި ހަރަދަކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށާއި އެއްވެސް ހަރަދެއް ކުރުވާފައިވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.

”ގޭގައި ސެކިއުރިޓީންވެސް ތިބޭ. ހުރިހާ އެންމެންވެސް ގޭގެ ހަރަދުގައި ބޭތިއްބީ. އަދި ކެއުމަށްވެސް އެއްވެސް ކަމަކަށް އެއްވެސް ކަމަކަށް ނޯންނާނެ ހަރަދުކޮށްފައެއް. ދައުލަތުން ހަރަދުކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނިއްޔާ ގެއަށް އެއްވެސް ހަރަދެއް ކުރަން. އެއީ ދުވަހަކުވެސް ތިކަހަލަ ވާހަަަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުންނުވާތީ. ކަނޑައެޅިގެން ދޮގު ވާހަކައެއް،“ ރައީސް ވިދާޅުވި އެވެ.