އެ މަނިކުފާނު ފުރަތަމަ ބޭނުންފުޅުވީ ރޯދައިގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ކަމަށާއި ނަމަވެސް މިހާރު އޮތް މަޖިލީހުން އެކަމަށް އެއްބަސްނުވީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ނިންމެވީ ބިލު ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުވާލެއްވުމަށެވެ.
އެހެންވެ މަޖިލީހުން އިއްޔެ ވަނީ، މަޖިލިސް އިންތިހާބު ފަސް ކުރުމުގެ ބިލު ދެވަނަ ފަހަރަށް ފާސްކޮށްފަ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވަން ބޭނުންފުޅު ވެގެން އެގޮތަށް މަޖިލީހުގައި އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ބޭނުމެއް ނޫން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީމަ ނޫންތޯ ކެމްޕޭން ތެރޭގައި ވައުދުވީ ގޮތަށް މިހާރު ރަސްމީކޮށް އެ އޮތީ ފަހު 10 އެއްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި. މިހާރު އަޅުގަނޑުމެންވީ ފަހު 10 ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގެ ކެމްޕޭންގައި އުޅެންތޯ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނެވި ނަމަވެސް ’އެމްޑީޕީގެ އަޑި ނޭނގޭ ކޮންމެވެސް ސަބަބަކާ ހުރެ‘ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވި ކަމަށެވެ.

ގުޅުންހުރި
ނަމާދަށް ރައްކާތެރިނުވާ މީހާ ގިޔާމަތް ދުވަހު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާ
ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ނަޝީދު: ފެންނަނީ ޕްލޭނެއް ނެތްކަމާއި ޒިންމާދާރުކުޑަކަން
މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ”ނަސްރު ބޯޓު“ އަޑިއަށް ހިނގައްޖެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް
އަންނަ އަހަރަކީ ނުފުއްދި ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ފަށާނެ
ކޮޅުވެއްޓި ބަންޑުން ޖަހާލުން: މަރުވެފައި އޮއްވާ ފެނުނީ ދާންދޫ މީހެއް