އޮކްޓޯބަރ 6, 2024

ކުޑަހުވަދޫއަކީ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއްތަން: ރައީސް

ކުޑަހުވަދޫއަކީވެސް ރާއްޖޭގައި ޤާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމުގައެވެ. އެގޮތުން ބަނދަރުވެސް ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްޤީކުރުމާއި ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ކުޑަހުވަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާގޮތްތައް ތަފުޞީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި ހިއްޞާކުރެއްވިއެވެ. އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ޚިދުމަތްތައް އަވަސް މުސްތަޤްބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގައި ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ޚިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހައްދަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.