ސެޕްޓެމްބަރ 21, 2024

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ޒުވާނާ މަރުވީ މިއަދުއެވެ. އެއީ ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އެވެ.

މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެ އެކްސިޑެންޓް ހިނގުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން ފަރުވާދެނުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ލަޔާންގެ ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާ އެކު އެކި ތަންތަނުން ބިނދިފައިވާ ކަމަށާއި ފުއްޕާމެޔަށް ވެސް ގެއްލުންވެފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

އެކްސިޑެންޓް ހިނގުމުން ލަޔާން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފުލުހުންނަށް ފެނުނީ އެރޭ 2:30 ހާއިރުއެވެ.

ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވާ މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވުން ހުއްޓުވުމަށް ފުލުހުން އަންނަނީ އެ މަގުތަކަށް ބަދަލުތަކެއް ގެންނަމުންނެވެ.

Leave a Reply