ނޮވެމްބަރ 22, 2024

ޔާމީނަށް ބޭވަފާތެރިއެއް ނުވަން, ބޮއިކޮޓް ނުކޮށް މުއިއްޒު އާއެކު ކުރިއަށްދާން ނިންމީ މަޖުބޫރުވީމަ: އަދުރޭ

ކުރީގެ ރައީސް އަބްދުالله ޔާމީނަށް ބޭވަފާތެރިވެ, ހިޔާނާތްތެރި ވެފައި ނުވާނެ ކަމަށް މީގެ ކުރީން އެ މަނިކުފާނާއެކު އެންމެ އަރިސްކޮށް ސިޔާސީ މަސައްކަތް ކުރެއްވި އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ތާރިގުގެ ކެމްޕޭން ފެށުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އޭނާގެ ހިތުގައި އަދިވެސް ލޯތްބާއި އިހުތިރާމު އެބަ އޮތް ކަމަށެވެ.

ނަމަވެސް ޕޯޑިއަމްގައި ވާހަކަ ދައްކަން ފުރުސަތު ލިބިވަޑައިގެންފި ނަމަ ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވުމުން, އެކަމަށް އޭނާ ރައްދު ދެއްވި އެވެ. ވިދާޅުވީ އޭނާއަށްވުރެ ރަނގަޅަށް ކަންތައް ވެގެންދިޔަ ގޮތް އެނގޭނެ މީހަކު ދުނިޔޭގައި ނުހުންނާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ, ޕީޕީއެމްއަށް. 2018 ވަނަ އަހަރުގެ ވެރިކަމާއެކު ރައްޔިތުންގެ މަޖިލިސް ގެއްލިގެން ދިއުމުން ދެން އައި ފަސް އަހަރަކީ ދަތި އުދަނގޫ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ޕާޓީ އޮތީ މަގުމަތި ވެފައި ކަމަށާއި ދެތިން ހަތަރު މީހުންނާއެކު މުޒާހަރާ ކުރުމުން މަލާމާތް ރައްދު ކުރި ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް އޭރު މަސައްކަތް ކުރެއްވީ ރާއްޖެ އަނބުރާ ހޯދުމަށް ކަމަށާއި އެ ކުރި މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު ފަސް އަހަރަށް މަގުމަތީގައި ތިބެންޖެހިދާނެ ކަމަށް ހީވި ކިތަންމެ ފަހަރެއް އައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރުވުމަށް ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު މީހުން ފެށުނީއްސުރެ މަސައްކަތް ކުރި. މިއަދު (ޔާމީންގެ) ވަށައިގެން އެ ތިއްބެވީ އެ ބޭފުޅުން. ހަގީގަތަކީ އެ ބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން މިއަދުވެސް އަޅުގަނޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ބަންދުގައި އެހުރީ. ޑރ. ޖަމީލުގެ ހީލަތްތެރިކަމުގެ ދަށުން. ހީލަތްތެރި ރޭވުމުގެ ތެރެއިން. ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުން ގަސްތުގައި އިސްތިއުނާފު ލަސްކުރީ. މިއީ ހަގީގަތަކީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ނިންމައިގެން ތިބީ ޔާމީން ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން ކުރިމަތި ނުލެވޭނެ ކަމަށް ނިންމީ ކަމަށެވެ. އެ ނިންމުމާއެކު އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވި ނަމަވެސް އެކަން ނުކުރެއްވީ ގައުމަށްޓަކާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”ބޮއިކޮޓް ނުކޮށް ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ނިންމީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް. ދެވަނަ އޮޕްޝަނެއް ހޯދަން ވިދާޅުވީ ޕްލޭން އޭ އާއި ބީ އާއި ސީއާ ލިޔުއްވާފައި ފޮނުވީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު. އެއާ އެއްގޮތަށް އަމަލުކުރީ. ހިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭވަފާތެރިއެއްވެސް ނުވަން. އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރީ. އެކަމަކު ގައުމު މުހިންމުވީމާ އަޅުގަނޑުމެން މަޖުބޫރުވީ ބޮއިކޮޓް ނުކޮށް ޑރ. މުއިއްޒާއެކު ކުރިއަށްދާން. މިއީ ހަގީގަތަކީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.