ޖުލައި 4, 2024

ލޮބުވެތި ދަރީންނޭ! ބައްޕަޔަށް އިޙްތިރާމުކުރާށެވެ

އޭ ލޮބުވެތި ދަރީންނޭ! ބައްޕަޔަށް އިޙްތިރާމުކުރާށެވެ. ދިރިއުޅުމުގެ މާޒީން ބައްޕަ ދުށްތަން ވަރަށް ބޮޑެވެ. ޙަޔާތުގެ ދަތުރުގައި ބައްޕަޔަށް އާދެވިފައި ހުރީ ވަރަށް ދުރަށެވެ. ބައްޕަޔަށް ނޭނގިދާނޭ ތިޔަ ހީވަނީ ދަރިފުޅަށް ނޭނގޭތީއެވެ. ބައްޕައަށް އޮޅިފައި އޮވެދާނެޔޭ ތިޔަ ހީވަނީ ދަރިފުޅަށް އަދި އޮޅުން ނުފިލާތީއެވެ.

ތިޔަ ދަރިފުޅު ދުނިޔެއަށް އައުމުގެ ފެށުން ކަމުގައި ﷲ ލެއްވީ ބައްޕައެވެ. ތިޔަ ދަރިފުޅުގެ ބެލެނިވެރި ޒިންމާ ﷲ އެޅުވީ ބައްޕަގެ ބޮލުގައެވެ. ތިޔަ ދަރިފުޅުގެ ރައްކައުތެރިކަން ﷲ ލެއްވެވީ ބައްޕަގެ ފަރާތުގައެވެ. ތިޔަ ދަރިފުޅަށް ދެއްވާ ރިޒްޤު ﷲ ފޮނުއްވެވީ ބައްޕަ މެދުވެރިކުރަށްވައެވެ. ތިޔަ ދަރިފުޅުގެ ބަލަދުވެރިކަން ދެމިއޮތީ ބައްޕާގެ ކިބައިގައެވެ.

އޭ ލޮބިވެތި ދަރީންނޭވެ! ބައްޕަގެ ޙަޔާތުގައި ވެސް ޒުވާންކަމާ ކުރިމަތިލިޔެވެ. އެ ޒުވާން ކަމުގެ ޢުމުރު ހުސްނުވަނީސް ދަރިފުޅު ލިބުނެވެ. ދަރިފުޅުގެ ޙައްޤުގައި އިތުރަށް ހީވާގިވާން ބައްޕަޔަށް މާޖުބޫރުވިއެވެ. ޙަޔާތުގެ ނަވަށް ކޮންމެ ކުއްޖަކު ވެސް އަރާނީ ބައްޕަގެ މޫނަށް ހިނިތުންވުން ގެންނަމުންނެވެ. އެހެނަސް އެ ހިނިތުންވުން ދެކޭ މީހަކީ ހަމައެކަނި ބައްޕައެވެ. ދަރިފުޅުގެ ހިނިތުންވުން އުޖާލާ ކުރުމަށް ބައްޕަގެ ހިނިތުންވުން ފަނޑުކުރެއެވެ. ނަފުސުގެ އުފާތައް ޤުރުބާން ކުރެއެވެ. ދަރީންގެ ޒިންމާ އުފުލުމުގައި ދުނިޔެ ދޫކުރީ ކިތައްކިތައް ބައްޕައިންހެއްޔެވެ؟

ޙަޔާތުގެ ނައު ފެތުނަ ނުދީ ދުއްވޭތޯ ބައްޕަ ބަލާނީ އޭގައި ތިބި ދަރީން ކަނޑުވިޔަ ނުދިނިމަށެވެ. ދުވެއްޔަށް ފަހި ވައި ނުޖެހުނަސް ދަންމާނަށް ދަމާ ހަލިކުރަނީ ދުވެލި އައުކޮށް ހޭރިޔާ ކުރުމަށެވެ. ދަތުރު ދިގުކަން ބައްޕަޔަށް އެނގެއެވެ. ނަމަވެސް ވިއްސާރަކަމުން މަންޒިލެއް އަދި ފެންނަވަރު ނުވަނީއެވެ.

ޙަޔާތުގެ ދަތުރުގައި، ދަތުރުގެ ބައިވެރިންނަށް ދަސްވާން އޮންނާނީ ދެ ފިލާވަޅެކެވެ. އެއްކަމަކީ ކެޔޮޅަށް އިޢުތިމާދުކޮށްގެން ތިބުމުގެ ފިލާވަޅެވެ. އޭނާގެ ޤިޔާދަތަށް އިތުބާރުކުރުމެވެ. އޭނާގެ ނިންމުންތައް ބަލައިގަތުމެވެ. އޭނާގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަން ގަތުމެވެ. އަނެއް ފިލާވަޅަކީ އެހުރިހައި ކަމަކާ އިދިކީލި ވުމުގެ ފިލާވަޅެވެ.

ލޮބުވެތި ދަރީންނޭވެ! ތިޔަ ކުދިންގެ ޙަޔާތުގެ ދަތުރުގައި ކެޔޮޅަކީ ބައްޕައެވެ. ބައްޕަޔާ ދެކޮޅުވާން އުޅެފިއްޔާ، ކުރެވޭނީ ނާއުންމީދީ ހިޔާލާތުތަކެކެވެ. ދެކެވޭ ހުވަފެންތަކުގައި ކުލަޖެހޭނެ މަގެއް ނުފެންނާނެއެވެ.

އޭ ލޮބިވާ ދަރީންނޭވެ! ޝައިޠާނާގެ މަކަރުވެރި ފިޔަވަޅުތަކަށް ތަބާ ނުވާށެވެ. އޭނާއަކީ އިންސާނާގެ ޙަޔާތަށް ބަޔާންވެގެން ހުރި ޢަދާވާތްތެރިއެކެވެ. އޭނާ ޢަދާވާތްތެރިޔަކު ކަމުގައި ހިފުމަށް މާތް ﷲ ވަނީ އިންސާނުންނަށް އަމުރުކުރައްވައިފައެވެ. އެ އިލާހުވަޙީކުރެއްވިއެވެ. ﴿إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ﴾ ‎(فاطر: ٦)‏ މާނައީ: [ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެޝައިޠާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތައަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ.]

އޭ ލޮބުވެތި ދަރީންނޭވެ! ބައްޕާގެ އުންމީދަކީ ދަރިފުޅު ކާމިޔާބު މީހަކަށް ވުމެވެ. ދުނިޔެއާއި އާޚިރަތުގައެވެ. ވަކީން ޚާއްޞަކޮށް ސުވަރުގޭގެ އަހުލުވެރިޔަކު ކަމުގައި ހެދުމެވެ. އެ ސަބަބަށް ޓަކައި ބައްޕަ ބުނާ ވާހަކަ ދަރިފުޅަށް ކަމުނުދިޔުން ވެސް އެކަށީގެން ވެއެވެ. ކުރާންބުނާ ކަންކަމަކީ ފޫހިކުރުވާ ކަންކަމަށް ވެދާނެއެވެ. މުނިއަވަސްކަން ކުޑަވެދާނެއެވެ. ބޯދާ ޢަމަލުތަކެކޭ ވެސް ހީވެދާނެއެވެ.

ލޮބުވެތި ދަރީންނޭވެ! ދަރިފުޅުގެ ތަފާތުކަން ތިމާއަށް ޤަބޫލުކުރެވުމަށްވުރެ ނޭއްގާނީ ކަމެއް ތިޔަ ދަރިފުޅަށް ނުކުރެވޭނެއެވެ. އެ ތަފާތުކަމާކީ ތިޔަ ދަރިފުޅުގެ ނަފުސަށް އެކަނި އިޙްސާސްކުރެވޭ ތަފާތެކެވެ. އެ ކަން އެ ގޮތަށް ވިސްނައިދެނީ ޝައިޠާނާއެވެ. އެހެންޏާ ފަހެ، މުޅި ދުނިޔެ އެ ހިނގަނީ އެއް ގޮތަކަށެވެ. އިރު އަރާނީ އެންމެނަށް  ވެސް އެއް ގަޑިއަކަށެވެ. އިރު އޮއްސެނީ ވެސް ހަމަ އެބީދައިންނެވެ. ތިޔަ ދަރިފުޅަށް ވެސް އެ ގޮތެވެ. އެ ކަމުގައި އެއް ވެސް ތަފާތުކަމެއް ނެތެވެ.  އިރު އަރާ ހުންނަ ވަގުތުތަކުގައްޔާއި އިރު އޮއްސި އަނދިރިވެފައި އޮންނަ ހުރިހާ ވަގުތެއްގައި ވެސް ކަންކަން ހިނގަނީ އެންމެންނަށް އެއް ހަމައިންނެވެ. ތިޔަ ދަރިފުޅު ވެސް އެ ހުރިހާ ކަމެއްގައި ތަފާތެއް ނެތި ހަމަހަމައެވެ. އޭ ލޮބިވާ ދަރީންނޭވެ! ނަފުސުގެ ތާފަތުކަމެއް ހުރިކަމަށް ދައްކައިގެން އާންމު އުޞޫލުތަކާ ދުރުކުރުވާން މަސައްކަތް ކުރާ ޝައިޠާނާގެ މަކަރުވެރި ފިޔަވަޅުތަކަށް ތަބާ ނުވާށެވެ.

އޭ ލޮބުވެތި ދަރީންނެވެ! ބައްޕާގެ ކެޔޮޅުކަން ހެޔޮހިތުން ބަލައިގަންނާށެވެ! ބައްޕަޔަށް ފުރިހަމައަށް އިޢުތިމާދުކޮށްގެން ތިބޭށެވެ. ބައްޕަގެ ޤިޔާދަތަށް އިތުބާރުކުރާށެވެ. ބައްޕަގެ ނިންމުންތައް އިތުރު ޝަކުވާއަކައި ނުލައި ބަލައިގަންނާށެވެ. ބައްފަގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަން ގަންނާށެވެ. ދުވަހަކު ވެސް ބައްޕަ ތިޔަ ދަރިފުޅަށް ދެރަގޮތެއް ނޭދޭނެއެވެ. ބައްޕަޔަށް އިޙްތިރާމުކުރާށެވެ!