ނޮވެމްބަރ 23, 2024

ތަޤުވާވެރިކަމުގެ އިޖްތިމާއީ ބައެއް ފައިދާ

ތަޤުވާވެރިކަމަކީ އިންސާނުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތައް އަށަގަންނުވާ ކަމެކެވެ. މަޑުމޮޅިކަމާއި ހިތްތިރިކަމާއި ޒުހުދުވެރިކަމާއި ވަރައަވެރިކަން މިއީ އޭގެތެރެއިން ބައެއް ސިފަތަކެވެ. މިފަދަ ސިފަތަކުން ސިފަ ލިބިގަންނަ މީހުންގެ ތެރޭ ދެކޮޅުވެރިކަމާއި އަރާރުންވުން މަދުވާނެއެވެ. ދޮގު ހެދުމާއި މަކަރު ހަދާ އޮޅުވާލުމެއް ނޯންނާނެވެ. އެކަކު އަނެކަކަށް ހަސަދަވެރިވެ ދެބައޮޑުވާނެ ފުރުސަތެއް ނުދޭނެއެވެ. އިޖްތިމާޢީ ހަމަހެޖުމާއި ޞުލްޙަ މަސަލަސްކަން އެއީ ތަޤުވާވެރިންގެ ކިބައިން މުޖްތަމަޢަށް ހިބަވާ އެންމެ ބޮޑު ހަދިޔާއެވެ.

ތަޤުވާވެރިކަމުގެ އިޖްތިމާޢީ އެންމެ ބޮޑު ފައިދާއަކީ ޚާލިޤުވަންތަ ﷲއަށް ކިޔަމަންތެރިކަން އަދާކުރާނެ މާހައުލެއް ޤާއިމު ވުމެވެ. އެ ތަނުގައި އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮކަންކަމަށް އެހީތެރިވެ ވާގިވެރިވާނެއެވެ. ނުބައި ކަންކަން ކުރުމަށް އެހީ އާއި މަދަދު ދޭނެ އެކަކު ވެސް ނުހުންނާނެވެ. ހެޔޮކަންކަމަށް އެހީތެރިވުމާއި ނުބައިކަންކަމަށް އެހީތެރި ނުވުމަށް މާތް ﷲ ވަނީ މުއުމިނުންނަށް އަންގަވައިފައެވެ. ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ﴾ ‎(المائدة: ٢)‏ މާނައީ: [ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް تقوى ވެރިވާށެވެ] އެހެންކަމުން ތަޤުވާވެރިކަމުގެ އަހުލުވެރީންގެ މެދުގައި ﷲއަށް ކިޔަމަންގަތުމަށް ގޮވައިލާ އެކަމަށް ބާރުއަޅައެވެ. ﷲގެ ނަހީތަކާ ދުރުވެ ތިބުމަސް އެކަކު އަނެކަކަށް ހިތްވަރުދެއެވެ. މިއީ އިޞްލާޙީ މުޖުތަމަޢެއް ބިނާކުރުމުގެ ވަރަށްބޮޑު ހިތްވަރެކެވެ.

ތަޤުވާވެރިކަމުގެ އިޖްތިމާޢީ އަނެއް ފައިދާއަކީ މުދަލަށް ހިމާޔަތް ލިބިގެންވުމެވެ. ތަޤުވާވެރިކަމުގެ ޙަޤީޤީ ފޭރާން އަޅައިގެން ހުރި އެއްވެސް މީހަކު އެހެން މީހެއްގެ މުދާ ބާތިލު ގޮތުގައި ނުކާނެއެވެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިދާނޭ ފަދަ އެއްވެސް ކަމެއް ތަޤުވާވެރީން ނުކުރާނެއެވެ. އެ މީހުން ﷲގެ އަމުރުފުޅަށް ކިޔަމަންވާނެއެވެ. އެއިލާހު އެންގެވީ، ﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ﴾ ‎(البقرة: ١٨٨) ‏މާނައީ: [އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ!] މިފަދައިންނެވެ. މުދަލަށް ރައްކާތެރިކަން ހޯދައި ދިނުމަކީ އިސްލާމްދީން ބާވައިލެއްވުނު މަޤްޞަދުތަކުގެތެރޭ ހިމެނޭ އެއްކަމެވެ. އެހެންކަމުން ތަޤުވާގެ އަހުލުވެރިން މުދާ ހިމާޔަތް ކުރާނެއެވެ. ތަޤުވާގެ އަހުލުވެރީން އުޅޭ މުޖުތަމަޢެއްގައި މުދާވެރީންނަށް ރައްކާތެރިކަމާއި ޙިމާޔަތް އޮންނާނެއެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި ނަމާދު ވަގުތު ފިހާރަތައް ތަޅުނުލައި ވިޔަފާރިވެރިން ނަމާދަށް މިސްކިތައް ދާ ވާހަކައަކީ އަޅުގަނޑުމެން އެންމެން ވެސް އަހާ ވާހަކައެއް ނޫންތޮއެވެ.

ތިމާގެ އަމިއްލަ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުން ވެސް ހިމެނެނީ ތަޤުވާވެރިކަމުގެ އިޖްތިމާޢީ ފައިދާގެ ތެރެއިންނެވެ. މުޖުތަމަޢުގެ އަފުރާދުން އެހެން މީހުންނަށް ދޫދިނުމެއް ނެތި ތިމަތިމާމެންގެ ހުރިހާ ކަމެއް ފުރިހަމަ ކުރަން އުޅޭ ނަމަ، އިޖްތިމާޢީ ނުތަނަވަސްކަން އެބައެއްގެ ތެރޭ އާންމުވެދާނެއެވެ. ތަޤުވާވެރިކަމުގެ އަހުލުވެރިން ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمގެ މި އިރުޝާދަށް ފުރިހަމައަށް ކިޔަމަންވާނެއެވެ. ”لاَ يُؤْمِنُ أَحَدُكُمْ، حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ“ (رواه البخاري و مسلم) މާނައީ: ”އެ މީހެއްގެ އަމިއްލަ ނަފުސަށް އެދޭ އެދުން އޭނާގެ މުސްލިމް އަޚާއަށް އެދިއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ހަމަ އެކަކުގެ ވެސް އިސްލާމްކަން ފުރިހަމަ ވީ ކަމުގައި ނުވެއެވެ.“

ކަން މިހެންއޮތްއިރު އަޅުގަނޑުމެންގެ ތެރޭ ތަޤުވާވެރިކަން އިތުރުކޮށް އެފަދަ މުޖުތަމަޢެއް ޤާއިމު ކުރެވޭތޯ ބެލުން އެއީ ނުހަނު ބޭނުންތެރި ކަމެކެވެ. ޅަ ޖީލުތަކުގެ ހިތްތަކުގައި ތަޤުވާވެރިކަމުގެ އޮށް މިއަދު އިންދައިގެން މެނުވީ ތަޤުވާވެރިންގެ ކިބައިން މުޖުތަމަޢަށް ލިބެން އޮތް ފައިދާ، މާދަމާ މި މުޖުތަމަޢިން ނުފެންނާނެއެވެ. އެ ކަމަށް އޮތް އެންމެ ރަނގަޅު ދުވަސްވަރަކީ މިއީއެވެ. ރަމަޟާންމަހެވެ. މިއީ ތަޤުވާގެ މައްސަރެވެ. ހަމަހިމޭންކަމުގެ މައްސަރެވެ. ހިތްތައް މަޑުމޮޅިވާ މައްސަރެވެ. މި މައްސަރުގައި ހެޔޮކަންކަމަށް ދަރީން ހާނާށެވެ! ނުބައި މަގުތަކާ އެ ކުދީން ދުރުކުރާށެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހީންނަށް ވެސް މި ނަސޭހަތް ދޭށެވެ! އަމިއްލަ ނަފުސަށް ވެސް މި ނަސޭހަތް ލިބިގަންނާށެވެ.