އޮކްޓޯބަރ 5, 2024

ރާއްޖެ-އިންޑިއާ މަޝްވަރާތަކުގެ ތިންވަނަ ބައްދަލުވުން މާލޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ދެމެދު ބާއްވާ މަތީ ފަންތީގެ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު މާލޭގައި ބާއްވައިފި އެވެ.

އިންޑިއާގެ ހާރިޖީ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް މިހާރު ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުންނާއި ދެ ގައުމުން ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންޑިއާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އެ މަޝްރޫއުތަކުގެ މަސައްކަތް މޮނީޓާ ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުންނާއި މީހުން ބިނާކުރުމުގެ ދާއިރާއިންނާއި އިންވެސްޓްމެންޓް އަދި ޓޫރިޒަމް ފުޅާކުރުމާ ގުޅޭ ގޮތުންވެސް ދެ ގައުމުން މަޝްވަރާކުރި ކަމަށް އިންޑިއާ ސަރުކާރުގެ ބަޔާނުގައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި ބާއްވާ މަތީ ފަންތީގެ ހަތަރުވަނަ ބައްދަލުވުން ދެން އޮންނާނީ އިންޑިއާގެ ވެރިރަށް ދިއްލީގަ އެވެ. އެ ބައްދަލުވުން ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް ހައި ލެވެލް ކޯ ގުރޫޕެއް އެކުލަވައިލަން ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މި އަހަރުގެ ޖަނަވަރީ މަހުގެ 14ގައި ރާއްޖޭގައި ބޭއްވި އިރު، ދެވަނަ ބައްދަލުވުން ބޭއްވީ ހުސްވި ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ދިއްލީގަ އެވެ.

އެންމެ ފަހުން ބޭއްވި ބައްދަލުުވމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން މި މަހުގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ.