ޖުލައި 4, 2024

ދީނުގެ ސާބިތުކަންދެއްވުން އެދި ﷲ އަށް ދަންނަވާށެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އިސްލާމްކަންމަތީ ދިވެހިރާއްޖެ އޮންނަތާ 9 ގަރުނުވަނީއެވެ. އިސްލާމްކަމުގެ ފަޚުރަކީ އަޅުގަނޑުމެން އުފާކުރާ ކަމެކެވެ. އުފާނުކުރާންވީ ކީއްވެތޯއެވެ؟ އިސްލާމްދީނަކީ ޙައްޤު ދީނެވެ. މާތް ﷲ އަޅުގަނޑުމެންނަށް ޓަކައި ރުހިވޮޑިގެންނެވި ދީނަކީ އިސްލާމްދީނެވެ. ނިޢުމަތްތައް ފުރިހަމަކޮށްދެއްވީ އިސްލާމްދީނުގެ ތެރެއިންނެވެ. މި ނޫން އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން އެކަން ޤަބޫލުވެވިގެން ނުވެއެވެ. އެފަދަ މީހަކު އާޚިރުގައި ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

އަޅުގަނޑުމެންނަކީ އީމާންކަމުގެ އަހުލުވެރީންނެވެ. އީމާންކަމުގެ އަހުލުވެރީންނަށް މާތް ﷲ އަންގަވައިފައި ވަނީ ޙައްޤު ގޮތުގައި އެ އިލާހަށް ތަޤުވާޥެރި ވުމަށާއި މުސްލިމެއްގެ ގޮތުގައި މެނުވީ މަރު ނުވުމަށެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾ (آل عمران ١٠٢) ‎މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!] މިއީ ވަރަށް މުހިންމު އެންގެވުމެކެވެ. މި އެނގެވުމަށް ތަބާވުން ވާޖިބުވެއެވެ. ޙައްޤު ގޮތުގައި ﷲއަށް ތަޤުވާވެރިވެ މުސްލިމެއްގެ ގޮތުގައި ވަރުވެ ދެވޭނީ އެ އިލާހުގެ ތައުފީޤާއި ރަޙުމަތްފުޅު ލިބިގެން ކަން ދަންނާން ޖެހެއެވެ. އެ ކަމަށް އެދި އަބަދު ﷲއަށް ދުޢާ ދަންނަވަން ވާނެއެވެ.

ޢަބްދުއްﷲ އިބްނު ޢުމަރު ވިދާޅުވާކަމުގައިވި މަޝްހޫރު ވާހަކައަށް ބަލައިލަމާ ހިނގާށެވެ. «كَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك.» (رَوَاهُ الْبُخَارِيُّ.) މާނައީ:- ”އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވިއެވެ. ”ތިބާ ހަވީރު ކޮށްފި ނަމަ ހެނދުނު ކުރާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ކޮށްފި ނަމަ ހަވީރު ކުރާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައި ވާ ޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ ކިހާ ޙިކްމަތްތެރި ބަސްފުޅެއްތޯ! ހިތަކީ ބަދަލުވެ ފުރޮޅެމުންދާ އެއްޗެކެވެ. ކިބުރުވެރިވެ ބޮޑާވެގެންފި މީހާއަށް ހިދާޔަތާ ދުރަށް ދެވުން އެކަށީގެން ވެއެވެ. ހިތްތިރިކޮށް މަޑުމައިތިރިވުން އެއީ ހިތުގެ ސާބިތުކަން އިތުރުވާކަމެކެވެ.  އެހެންކަމުން ހިތަށް ޘާބިތުކަން ދެއްވުން އެދި، އެ ހިތުގެ ވެރިރައްބުގެ ޙަޟްރަތުގައި އަބަދާ އަބަދު ދަންނަވާން ޖެހެއެވެ.

އެއްވެސް މީހަކީ އޭނާއަށް ކުރެވޭ ހެޔޮކަމެއްގެ މައްޗަށް ފަޚުރުވެ ބޮޑާވެގެން ވާނޭ މީހެއް ނޫނެވެ. ﷲގެ ފަޟުލުވަންތަވެރިކަން ނުވާ ނަމަ އޭނާއަށް ހެޔޮ ޢަމަލުކުރުމުގެ އެއްވެސް ތައުފީޤެއް ނުލިބުނީހެވެ. އަޅުގަނޑުމެންގެ ހިތްތަކަކީ ﷲގެ ބެއްލެވުމުގެ ދަށުގައި ވާ އެއްޗެކެވެ. އެ ކަން ދެނެ ޔަޤީންކުރާ އެއްވެސް މީހަކު ތިމާގެ މޮޅުކަން ހިތްމައްޗަށް ގެނެސް ނޫޅޭނެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. [ހަމަކަށަވަރުން އާދަމުގެ ދަރީންގެ ހުރިހާ ހިތްތަކެއް ވަނީ، އެއް ހިތެއްގެ ގޮތުގައި ރަޙްމާނުވަންތަ އިލާހުގެ އިނގިލިފުޅުތަކުގެ ތެރެއިން ދެ އިނގިލިފުޅެއްގެ މެދުގައެވެ. އެ އިލާހު އިރާދަކުރެއްވި ގޮތަކަށް އެ ފުރޮޅުއްވަތެވެ.] މިފަދައިން ޙަދީޘްކުރެއްވުމަށް ފަހު ވިދާޅުވީ އަންނަނިވި ދުޢާފުޅެވެ. «اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِك» މާނައީ: ”އޭ ﷲ! ހިތްތައް ފުރޮޅުއްވާ އިލާހު! އަޅަމެންގެ ހިތްތައް އިބައިލާހަށް ކިޔަމަންގަތުމުގެ ފަރާތަށް ފުރޮޅުއްވާނދޭވެ!“ (رواه مسلم)

އަދި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އަންނަނިވި ދުޢާ ވަރަށް ގިނައިން ވިދާޅުވާކަމަށް އަނަސް رضي الله عنه ވިދާޅުވިއެވެ. «يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ» މާނައީ: ”އޭ ހިތްތައް ފުރޮޅުއްވާ އިލާހު! ތިމަންނާގެ ހިތްޕުޅު އިބަ އިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!“ (رواه الترمذي)

އިސްލާމީ ހިދާޔަތު ބައެއްގެ ކިބައިން ފިލައިގޮސްފި ނަމަ އެ ހިދާޔަތު އަނބުރާ ލިބުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އިސްލާމްދީން މަތީ ސާބުތުކުރައްވައިތޯ ﷲއަށް ދެންނެވުން ގިނަކުރާށެވެ. މި ލިޔުމުގައި ހިމަނައިފައި އެވާ 2 ދުޢާ ދަސްކުރާށެވެ. މާތް ﷲގެ ޙަޟްރަތުން އާދޭސްކުރާ ޙާލު ދުޢާދަންނަވާށެވެ. ދުޢާ ކުރުމަކީ މަތިވެރިވެގެން ވާ އަޅުކަމެކެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ (سورة الحجر ٩٩) ‎‏މާނައީ: ”އަދި ކަލޭގެފާނުގެ އަރިހަށް މަރު އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ރައްބަށް އަޅުކަން ކުރައްވާށެވެ!“