ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނޭޝަނަލް ސައިބާ ސެކިއުރެޓީ އެޖެންސީ ނުވަތަ ސައިބާ ސެކިއުރެޓީއާ ބެހޭ ގައުމީ އިދާރާ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ސައިބާ ސެކިއުރިޓީގެ ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ކަމަށެވެ.
އޭގެ އިތުރުން ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ރައްކާތެރިކަން ކަށަވަރުކުރުމާއި ގައުމީ ފެންވަރުގައި ސައިބާ ސެކިއުރެޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީވެސް އެ އެޖެންސީ އުފެއްދި މަގުސަދެއް ކަމަށް ބުންޏެވެ.
އެ އެޖެންސީ ހިންގުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.



