ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާތީ، އަންނަ މަހުގެ 21 އާއި 22 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި 22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އެއީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން އުޅޭނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި ވޯޓު ގުނުމާއި ނަތީޖާ އިއުލާނުކުރުމާ އަދި އެ ނޫން ވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހު ވެސް ކުރިއަށް ގެންދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައި ވާތީ އެވެ.
މަޖިލިސް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އެކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވުމަށާއި ރޯދަމަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް އެމްޑީޕީން ހުށަހެޅި އެވެ.
އެ އިސްލާހުތައް ފާސްކޮށް ރައީސް ބިލް ތަސްދީގު ކުރެއްވުމުން، މަޖިލިސް އިންތިހާބު އަންނަ މަހު ބާއްވަން ވަނީ ފަސްކޮށްފަ އެވެ.




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި