ޖުލައި 4, 2024

72 ކިލޯ ޑްރަގް އެތެރެކުރުމުގައި ބޮޑަކަށް ހުރި ކަމަށް ބުނާ އިރުފާން އަލުން ޖަލަށް!

ރާއްޖެއަށް 72 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ ސ. ހުޅުދޫ/ ދޭލިޔާގެ އިރުފާން ތަގިއްޔު އަލުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި އިރުފާން ހައްޔަރުކުރީ 8 ޑިސެމްބަރު 2020 ގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރި އެވެ. އެ މުއްދަތު ހަމަވުމުން ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު އިރުފާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިމިނަލް ކޯޓުން ޝަރުތުތަކާއެކު އޭނާ ދޫކޮށްލި އެވެ. އެކަމާ ހިތްހަމަނުޖެހިގެން އެ މައްސަލަ ދައުލަތުން ހައިކޯޓަށް ވެއްދި އެވެ.

ހައިކޯޓުން އެ މައްސަލައިގައި ހުކުމްކުރީ، ޝަރުތު ތަކާއެކު އިރުފާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށެވެ. އަދި އިރުފާންގެ މައްޗަށް ހުކުމް ކުރަންދެން ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، ހައިކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަންކަމަށް ކުރިމިނަލް ކޯޓުން ރިއާޔަތްކުރަންވާނެ ކަމަށްވެސް ހުކުމްކުރި އެވެ.

އެހެންވެ ދައުލަތުގެ ފަރާތުން އިރުފާން ބަންދުކޮށްދިނުމަށް ކުރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަމުރުކުރީ ދައުލަތުން އެދުނު ގޮތަށް އިރުފާން ބަންދުކޮށްދެވެން ނެތް ކަމަށެވެ. އެހެންވެ ދައުލަތުން އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް މި ފަހަރު ހައިކޯޓުން ހުކުމްކުރީ އިރުފާން ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެހެންވެ އެވެ.

އެ މައްސަލައިގެ ހުކުމް މިއަދު އިއްވި އިރު، ހުކުމުގެ ރައުޔުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އިރުފާން ބަންދުން ދޫކޮށްލި ހުކުމް ބާތިލުކުރަން ނިންމީ އޭނާ ދޫކޮށްލާފައި ވަނީ ރަނގަޅު އުސޫލުތަކަކަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ބަންދު މުރާޖާކުރުމުގައި ހައިކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ނަޒާހާތްތެރިކަން ގެއްލިގެން ހިނގައިދާނެ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ، ބަންދު މުރާޖައާކުރުމުގައިވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުންކުރެ ހާލަތެއް ވުޖޫދުވެފައިވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްކަން ދައުލަތުން ދައްކައިދޭން ވާނީ އެފަދަ ހާލަތެއް ވުޖޫދުވެ އޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށްވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ އެ ރައުޔަށް ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ. އެހެންވެ އެ މައްސަލައިގައި އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ކުރިމިނަލް ކޯޓުން، އިރުފާން ދޫކޮށްލުމަށް ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމް ބާތިލުކަމަށް ހުކުމްކުރާ ކަމަށެވެ.

އަދި އިރުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން މިއަދުގެ ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށްވެސް އަމުރު ކުރެއްވި އެވެ.