ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަށް ފުރިހަމައަށް ތަބާވުމަށް ރައީސް މުހައްމަދު މުއިއްޒު އިޒްރޭލަށް މިއަދު ގޮވާލައްވައިފި އެވެ.
އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ހަމާސް ނައްތާލަން ކަމަށް ބުނެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި ހުށަހެޅި އެ ގަރާރު ފާސްވީ މީގެ ކުރިއާ ހިލާފަށް މި ފަހަރު އެމެރިކާ އިން އެ ގަރާރު ވީޓޯ ނުކޮށް، ގަރާރު ފާސްކުރަން ނެގި ވޯޓުގައި ބައިވެރި ނުވުމުންނެވެ.
ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ތާއީދުކޮށްގެން ފާސްކުރި އެ ގަރާރު ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ.
އދ.ގެ އެ ގަރާރަށް މަރުހަބާ ދަންނަވައި ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގަރާރު ފާސްކުރުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. އަދި އެ ގަރާރާއެކު ހަމަލާތައް ހުއްޓާލުމަށް ލިބިފައިވާ އުއްމީދަކީ މި ރޯދަމަހުގެ ތެރޭގައި ވެސް އިޒްރޭލުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ލިބޭނެ ވަގުތީ ލުޔެއް ކަމަށް ވިދާޅުވި އެވެ.
”މި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށާއި އިޒްރޭލުން މި ގަރާރަށް ފުރިހަމައަށް ތަބާވުމަށް އަޅުގަނޑުމެން ގޮވާލަން،“ އެ ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.



