ޖުލައި 6, 2024

އަދާހަމަ: މުލަކު ޗާންދަނީ މަގާއި ކުޑަހުވަދޫ ފަރީދީ މަގުގައި ސްޓޯމް ވޯޓާ ނެޓްވޯކް އެޅުމަށް މަގު ކޮނުން ކުރިއަށް

ދ. ކުޑަހުވަދޫ އާއި މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ދެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އެ ދެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރަމުން އާރުޑީސީން ބުނީ، ކުޑަހުވަދޫ ފަރީދީ މަގުގައި ސްޓޯމް ވޯޓާ ނެޓްވޯކް އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރިވާ ހިނގުމުގައި ޓްރީ ޕިޓް ފިނިޝިންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ހުސޭނީ މަގުގައި ކޭބަލް ޖަންކްޝަން ހުރަސް ހޮޅި އެޅުމާއި ބެކް ފިލިން އަދި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޗާންދަނީ މަގުގައި ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމަށް މަގު ކޮނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އަދި އަމީނީމަގުގައި ސްޓޯމް ވޯޓާ ޓޮޕް ލެވެލް ކާސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރުޑީސީން ބުންޏެވެ.

ކުޑަވަހުދޫ އާއި މުލަކުގެ މަގު ހެދުމުގެ މަޝްރޫއުއަކީ ކުރީގެ ސަރުކާރުން މަސައްކަތް ފެށުމަށް ފަހު، ފަހުން އެއްވެސް މަސައްކަތެއް ނުކޮށް ހުއްޓިފައި އޮތް މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން އާރުޑީސީން އަލުން މަސައްކަތް ފެށި 17 ރަށުގެ ތެރޭގައި ހިމެނޭ ދެ ރަށެވެ.