ނޮވެމްބަރ 26, 2024

ހައްޔަރު ކޮށްފާނެތީ ބިރެއް ނުގަނޭ، އެމްޑީޕީ މީހުންނަކީ ބިރު ގަންނާނެ ބައެއް ނޫން: ފައްޔާޒު

ފުލުހަށް ގެންގޮސް ހައްޔަރުކޮށްފާނެ ކަމަށް ބިރު ނުގަންނަވާ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން 2022 ވަނަ އަހަރު ހިންގި ހިޔާނާތުން މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް ސުވާލުކުރުމަށް ފައްޔާޒު މިއަދު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އޭނާއަށް ފޮނުވި ޗިޓުގައި ހާޒިރުވާން އަންގާފައި ވަނީ މިއަދު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ސިޔާސީ ގޮތުން އެހެން ދައްކާ ބިރަކަށް އެމްޑީޕީ ބިރު ނުގަންނާނެކަން މިހާރު އެނގެން ޖެހޭނެ ކަމަށާއި ވޭތުވެދިޔަ 20 އަހަރު އެމްޑީޕީން ކުރި މަސައްކަތަކީ ބިރެއް ނެތި މުޅި ރާއްޖޭގައި މަގުމައްޗަށް ނުކުމެ، މި ގައުމުގައި އަދުލުއިންސާފު ގާއިމުކުރުން ކަމަށެވެ.

”އެހެންވީމާ އެކަމަކާ ކަންބޮޑުވާނެ ކަމެއް ނެތް. ތި ބޭފުޅުންނަށް އަޅުގަނޑުގެ އެޑްވައިޒްއަކީ އެއްގޮތަކަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާތި، އަޅުގަނޑު ގެންގޮސް އެ ތަނުގައި ހައްޔަރުކުރިޔަސް އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަންނަވާތި އަޅުގަނޑާ ދޭތެރޭގައި. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ، އަޅުގަނޑުގެ ބިރުވެރިކަމެއް ނޯންނާނެ. އެ ތަނުގައި އަޅުގަނޑަށް ކޮންމެ ގޮތެއް ހެދިޔަސް، ތި ބޭފުޅުން ތިކުރައްވަމުން ގެންދަވާ މަސައްކަތް ކުރައްވާ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިދެއްވާ،“ އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ދުނިޔެމަތީގެ ބިރަކީ އޭނާ ދަންނަ އެއްޗެއް ނޫން ކަމަށާއި ހެއްދެވި ފަރާތް ފިޔަވާ އެހެން އެއްވެސް ފަރާތަކުން އޭނާއަށް ބިރެއް ނުފޯރުވޭނެ ކަމަށެވެ. އަދި އޭނާ ފުލުހަށް ހާޒިރުކުރުމަކީ އެމްޑީޕީގެ ލީޑާޝިޕަށާއި ރައްޔިތުންނަށް ބިރު ދައްކަން ކުރާ ކަމެއް ކަމަށާއި ނަމަވެސް އެމްޑީޕީ މީހުންނަކީ ބިރު ގަންނާނެ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑު ގެންގޮސް ހައްޔަރު ވެސް ކުރަންވީ، އަޅުގަނޑުގެ ފުރާނަ ވެސް ދުއްވާލަންވީ، ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނަން. އެކަން އަޅުގަނޑުމެން ސާބިތުކޮށްފައި އޮންނާނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދޭތެރޭގައި. އެހެން އަދި އަޅުގަނޑުމެންނަށް ބިރު ދެއްކޭނެ ކަމަށް ވިސްނައިގެން ފުލުސް އޮފީހަށް ހާޒިރުކޮށްލައިގެން އަޅުގަނޑުމެންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،“ އޭނާ ވިދާޅުވި އެވެ.