ނޮވެމްބަރ 21, 2024

އެންމެ ހެޔޮމީހާ ކަމުގައި ވާން ބޭނުންތަ

އެންމެ ހެޔޮމީހާ ކަމުގައި ވުމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ؟ ކޮންމެ މީހަކު ވެސް އެ ކަމަށް އެދޭނެއެވެ. ގޯސް މީހަކަށް ވާން އެކަކު ވެސް ނޭދޭނެއެވެ. ހެވާއި ނުބައި ކަނޑައަޅައި މިންކުރުމުގައި މުސްލިމުން ބަލަނީ އެބައިމީހުންގެ ވެރި އިލާހުގެ އަމުރު ފުޅަށެވެ. ދީނުގައި ޝަރުޢުކުރައްވައިފައި އޮތް އިންތަކާއި މިންތަކަށެވެ. އިލާހީ ޙުކުމަށެވެ. އެއަށް ފަހު ނަބަވީ އިރުޝާދަށެވެ. ހުރިހައި ކަމެއްގައި ވެސް މި މިންގަނޑަށް ބަލާ މުސްލިމުން އެންމެ ހެޔޮ މީހަކުކަމުގައި ވުމަށް ވެސް ބަލާނީ ހަމަ މިހަމައިންނެވެ.

އެންމެ ހެޔޮ މީހަކީ އެންމެ ތަޤުވާވެރި މީހާއެވެ. އެއީ އެންމެ ކަރާމާތްތެރި ވެސް މީހާއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވަނީ އެފަދައިންނެވެ. ﴿إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ﴾ ‎(الحجرات: ١٣) މާނައީ: ”ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.“ މާތްކަމާއި ކަރާމާތްތެރިކަމަކީ އީމާންކަމާއި ތަޤުވެރިކަން އިތުރުކޮށްގެން ޙާޞިލުކުރެވޭނޭ އެޗެކެވެ. ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އެއިލާހުގެ ނަހީއާ ދުރުހެލިވުމަކީ ތަޤުވާވެރިކަން ހާސިލުކުރަން އޮތް މަގެވެ. އެންމެ ހެޔޮ މީހާ ކަމުގައި ވާން އެދޭ ނަމަ ތަޤުވާގެ ސިފަތައް ނަފުސުގައި އަށަގަންނުވާށެވެ.

އެންމެ ހެޔޮ މީހުންގެ ކިބައިގައި ހުންނާނޭ ސިފަތައް ބަޔާންކުރައްވައި ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ އިންސާނުންނަށް ކުރުން މާ އުނދަގޫ ނޫން އެތައް ކަމެއް ބަޔާންކޮށްދެއްވައިފައެވެ. މި ލިޔުމުގައި އޭގެ ބައެއް ކަންކަން ހިމަނައިލުމުގެ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. މި ބާބުގައި އައިސްފައިވާ ޙަދީޘްފުޅުތައް މަދެއްނޫނެވެ. އެންމެ ހެޔޮ މީހުންގެ ސިފަފުޅުތައް ބަޔާންކުރާ ޙަދީޘްފުޅުތައް ވަރަށް ގިނައެވެ. އޭގެތެރެއިން ކޮންމެވެސް މިންވަރަކަށް ބަލައިލާނަމެވެ.

މާތް ﷲގެ ކަލާމްފުޅު އެބަހީ ކީރިތި ޤުރުއާން އުނގެނި އެހެން މީހުންނަށް ޤުރުއާން އުނގަންނައިދޭ މީހާއީ އެންމެ ހެޔޮ މީހުންގެ ސިފަ ލިބިގެންވާ މީހެއް ކަމުގައި ބާޔާންކުރައްވައިފައި ވެއެވެ. ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ”خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ“ (البخاري). މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.“ މާތް ﷲގެ ކަލާމްފުޅު އުނގަންނައި ދިނުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އިންސާނަކަށް ކުރެވޭނޭ އެންމެ މާތް އެންމެ ރަނގަޅުކަންތަކެވެ. އެއީ މާތް ﷲގެ އަމުރުފުޅުތައް ބިންމަތީ ތަންފީޒުކުމަށް ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ހިތްވަރުދޭ މީހާއެވެ. އޭނާއަކީ ޤުރުއާން ތިލާވަތުކުރުން އެކަނި މީހުންނަށް ދަސްކޮށްދޭ މީހާއެއް ނޫނެވެ. އޭނާއީ ކީރިތި ޤުރުއާނުގައި ﷲ އަންގަވާ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުކުރާ މީހާއެވެ. އަދި އެހެން މީހުންނަށް ވެސް އެ އަމުރުފުޅުތައް ދަސްކޮށްދީ އެ ގޮތަށް ޢަމަލުކުރަން ހިތްވަރުދޭ މީހާއެވެ. މި ސަބަބާ ހުރެ އެ މީހާ ވަނީ އެންމެ ހެޔޮ މީހުންގެ ތެރެއިންނެވެ.

ޚުލުޤު ހެޔޮކަމުގެ ސިފައަކީ ވެސް މީހާ އެންމެ ހެޔޮ މީހަކަށް ހަދާ ސިފައެކެވެ. އަޚްލާޤަކީ އިންސާނުން އެތައް ގޮތަކަށް ރީތި ބަޔަކު ކަމުގައި ހަދާ އެއްޗެކެވެ. ރަނގަޅު އަޚުލާޤުގެވެރީންނަށް މީހުން ލޯބިކުރާނެއެވެ. އޭނާގެ ވަށައިގެން އުޅޭ މީހުގެ ތެރެއިން އެންމެ ހެޔޮ މީހާ ކަމުގައި އޭނާ ވާނެއެވެ. އެންމެ އިޚްތިޔާރުކުރާ ހޮވުން ކަމުގައި އޭނާ ހިމެނޭނެއެވެ. އެ ކަމަށް އިޝާރާތްކުރައްވާ ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ”إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا“ (البخاري). މާނައީ:- ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤް ރަނގަޅު މީހާއެވެ“.

އެ މީހެއްގެ އަހުލުވެރީންނަށް ހެޔޮ މީހާ ވެސް މިންކުރެވެނީ އެންމެ ހެޔޮމީހުންގެ ތެރެއިންނެވެ. ހުރިހާ އިންސާނުންގެ ތެރެއިން އަހުލުންނަށް އެންމެ ހެޔޮ ބޭފުޅަކީ މި އުންމަތައް ކައުކުރެއްވި ނަބިއްޔާ މުޙައްމަދު صَلَى اللهُ عَلَيْهِ وَسَلَّمއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي“ (صحيح الجامع). މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެ މީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަހުލުންނަށް އެންމެ ހެޔޮ މީހާއެވެ“. އެކަލޭގެފާނަށް ތަބާވުމަކީ މި ކަމުގައި ވެސް އެކަލޭގެފާނު ނަމޫނާއަކަށް ބެލުމެވެ. އެންމެ ހެޔޮމީހާ ކަމުގައި ވުމަށް ޓަކައި އަހުލުންނަށް ހެޔޮކޮށް ހިތާށެވެ!

އިންފިރާދީ ބައިބައިވުންތައް ނައްތައިލާ އިޖްތިމާޢީ އެކުވެރިކަން ޤާއިމުކުރުމަކީ އެ މުޖުތަމައެއް ތަހުޒީބުވެ ތަރައްޤީވުމަށް އޮތް އެންމެ ފަހިމަގެވެ. އެ ކަން ޙާޞިލު ވާނީ އިޖްތިމާޢީ އެކުވެރިކަން ހިފެހެއްޓުމުގެ ރޫޙު  ފަރުދީގޮތުން މީސްތަކުންގެ ކިބައިގައި އަށަގަންނަވައިގެންނެވެ. އެންމެ ހެޔޮމީހުންގެ ލިސްޓުގައި އެފަދަ މީހާއަށް ޖާގަ އެބައޮތެވެ. މުޖްތަމަޢުގެ ހަމަޖެހުން ގެނުވާ ކަމެއް ކަމުގައި ކާންދިނުން ހިމެނެއެވެ. އަދި މުޖުތަމަޢު އެކުވެރިކޮށް ހިތްތަކުގެ ލޯބި ގުޅުވައިދޭ ކަމެއް ކަމުގައި ސަލާމްކުރުން ހިމެނެއެވެ. އެހެންކަމުން މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހާ ކަމުގައި ވުމަށް އެދޭ މީހާ މީސްތަކުންނަށް ކާންދޭނެއެވެ. އަދި ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް ސަލާމްގޮވާނެއެވެ. އަދި އޭނާ އެހެންމީހުނަށް ސަލާމް ރައްދުކުރާނެއެވެ. ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ”خيرُكُمْ مَنْ أَطْعَمَ الطَعَامَ، وَرَدَّ السَّلاَمَ“ (صحيح الجامع) މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، މީސްތަކުންނަށް ކާންދޭ މީހާއެވެ. އަދި ސަލާމަށް ރައްދުދޭ މީހާއެވެ.“

ތިމާގެ ފުށުން އެހެން މީހުންނަށް މަންފާވާ މީހާގެ ކިބައިގައި ވެސް އެހެރީ މީސްތަކުންގެ ތެރެއިން އެންމެ ހޮޔޮ މީހާ ކަމުގައި ބެލެވޭ ސިފައެކެވެ. އެހެން މީހުންނަށް ތިމާގެ ފުށުން ގެއްލުންވުން އެއީ މީހުން ރުޅިއަރާނޭ ކަމެކެވެ. އެހެންކަމުން އެހެން މީހުންނަށް ތުރާދޭ މީހަކު ކަމުގައި ނުވާށެވެ! ދުނިޔޭގައި އުޅޭ އިރު އެހެން މީހުންނަށް މަންފާކުރަނިވި ގޮތުގައި ދުނިޔެ އުޅޭށެވެ! ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ”خيرُ الناسِ أنفعُهم للناسِ“ (ابن حبان) ”މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، އެންމެ މީސްތަކުންނަށް ފައިދާބޮޑު މީހާއެވެ.“ (صحيح الجامع)

އެންމެ ހެޔޮ މީހުންނަށްވުމަށް އެދޭ ކޮންމެ މީހެއްގެ މައްޗަށް އޮތީ ނަބަވީ އިރުޝާދުފުޅާ އެއްގޮތަށް އޭނާގެ ދިރިއުޅުން ބަދަލުކުރުމެވެ. ހެޔޮ ކަމުގެ އަހުލުވެރިއަކަށް ވުމީ އެއްގޮތަކަށް ވެސް އުނދަގޫ ކަމެއް ނޫނެވެ. އެއީ ހިތްވަރެއް ހުރެއްޖެ ކޮންމެ މީހަކަށް ވެސް ކުރެވޭނޭ ކަމެކެވެ. އެ ކަމަށް ނަފުސު ހާނާށެވެ! އިލާހީ މަދަދާ އެކު ކާމިޔާބު ލިބޭނެތެވެ. إن شاء الله