މި ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއު، ”ރަސްމާލެ“ މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފިއެވެ.
”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި އެއީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެެކެވެ. އެއީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އެވޯޑް ކުރުމުގައި ޕްރޮސެސް ފުރިހަމަނުކޮށް، އެ މަޝްރޫއު ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކުރުމާ ގުޅިގެން ބަަލަމުންދާ މައްސަލައެކެވެ.
ރަސްމާލެ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ތަފާތު އެކި ފަހަރު މަތިން ތުހުމަތުކޮށްފައެވެ. ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއްކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެމްޑީޕީ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އިސާ ވިދާޅުވެފައިވަނީ، ރަސްމާލެ ހިއްކަނީ ސީއެމްސީއަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.
”މިއީ ސިއްސައިގެން ދާވަރުގެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މަޝްރޫއެއް ކަމަށް އަޅުގަނޑުމެން ތަކުރާކުކޮށް ބުނަމުން މިދަނީ،“ އޭނާ ވިދާޅުވެފައިވެއެވެ.
އީސާ ވިދާޅުވެފައިވަނީ ސަރުކާރުން ގްރޭޓާ މާލެ ސަރަހައްދުން އެންމެ ކުޑަ ރޭޓުން ވެސް ބިން ވިއްކާފައިވަނީ އަކަފޫޓަކަށް 6،500 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި، އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހުޅުމާލޭ ބީޗު ސަރަހައްދުން ވިއްކި ބިންތަކުގެ އަގު އަކަފޫޓަކަށް 10،200 ރުފިޔާއަށް އަރާފައި ހުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެންކަމުން އޭސީސީން އެކަން ތަހުގީގު ކުރަންވާނެކަމަށް އީސާ ވިދާޅުވެފައިވެއެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކަނީ، ސީއެމްސީއަށް 70 ހެކްޓަރުގެ ބިން ދީގެން ކަމަށެވެ. އެއީ، 49 އަހަރާއި 50 އަހަރަށް ހުޅުމާލެއިން 10 ހެކްޓަރުގެ އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދީގެންކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ސީއެމްސީއަށް އެ މަޝްރޫއު ހަވާލުކުރީ ބިޑް ކުރުމަކާނުލާ ކަމަށްވެސް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް
އޭސީސީން އެދިގެން، ޕޮލްކޯ ވެރިން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަން ނެގި
މައިފޫނާގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ކުރަން ޕީޖީއަށް ފޮނުވައިފި
ވަގު ގޯތި މައްސަލަ: އެޗްޑީސީން ފިޔަވަޅު އެޅި މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފި