ޖުލައި 6, 2024

ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ކުރުން މަނާ އުސޫލެއް

ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ކުރުން މަނާކުރާ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ”ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގުމާބެހޭ އުސޫލު“ އާންމުކޮށްފައެވެ.

އުސޫލުގައިވާ ގޮތުން މުވައްޒަފަކާ ގުޅުން ހުރި ފަރާތަކުން ވިޔަފާރީގެ މުއާމަލާތެއް ހިންގަން ވާނީ އެކަމަށް ހާއްސަ ހުއްދައެއް ނެގުމަށްފަހުއެވެ. އެ ހުއްދަ ހޯދަން ޖެހޭނީ ވިޔަފާރި މުއާމަލާތްތައް ފެށުމުގެ ކުރިން، ލިޔުމުންނެވެ.

ދައުލަތުގެ އޮފީހަކުން ވިޔަފާރީގެ މުއާމަލާތް ކޮށްގެން ނުވާނެ މުވައްޒަފުން:

  • ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު
  • އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފު
  • ޕްރޮކިއުމަންޓް ހުއްދަދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފެއް
  • ބިޑް ކޮމިޓީއާއި ޕްރޮކިއުމަންޓާ ބެހޭ އެހެނިހެން ކޮމިޓީތަކުގެ މެންބަރެއް
  • ބިިޑް ނުވަތަ ބީލަން އިވްލުއޭޓް ކުރާ ނުވަތަ ވަޒަން ކުރާ ފަރާތެއް ނުވަތަ ވަޒަން ކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމިޓީގެ މެންބަރެއް
  • މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކެޓްރީ ޖެނެރަލް

ނަމަވެސް ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން އެ މުވައްޒަފުންނާ އެކު ވިޔަފާރިކުރުމުގެ ހުއްދަ ދޭނެކަމަށް އުސޫލުގައި ހިމަނާފައިވެއެވެ.

އުސޫލުގައިވާ ގޮތުން މުވައްޒަފަކާ ގުޅުންހުރި މީހުންގެ ތެރޭގައި ހިމެނޭ މީހުން:

  • އާއިލީ ގުޅުން އޮންނަ ފަރާތެއް (ކައިވެނިކޮށްގެން އުޅޭ މީހާ، ދަރިން، އެއްބަނޑު އެއްބަފާ މީހުން، އެއްބަނޑު މީހުންނާއި އެއްބަފާ މީހުން، މައިންބަފައިން، ދޮންދަރިން، ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއް ބަފާ މީހުންނާއި އެއްބަނޑު އެއްބަފާ މީހުން އަދި މައިންބަފައިން)
  • ޕްރޮކިއުމަންޓަށް ކުރިމަތި ލާފައިވާ ފަރާތާ މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގުޅުން އޮތުން ނުވަތަ އެފަރާތަކީ މުވައްޒަފުގެ ”ކްލޯޒް އެސޯސިއޭޓް“އަކަށް ވުން
  • ޕްރޮކިއުމަންޓަށް ކުރިމަތިލާފައިވާ ފަރާތަކީ މުވައްޒަފަށް މުސާރައެއްދޭ މީހެއް ކަމުގައި ވުން

މުވައްޒަފަކާ ގުޅުންހުރި ފަރާތަކާ ދާއިމީ ގޮތުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަށް އެއްވެސް ހާލަތެއްގައި ހުއްދަ ދިނުން އުސޫލުގައިވާ ގޮތުން މަނާވާނެއެވެ.

 

ދައުލަތުގެ ބައެއް މުވައްޒަފުންނާ ގުޅުން އޮންނަ މީހުންނާއެކު ވިޔަފާރި ކުރުން މަނާ އުސޫލެއް