އޮކްޓޯބަރ 5, 2024

ސަން ސިޔާމްގެ ކުންފުނިން ހިލްޓަން އަށް 31 މިލިއަން ޑޮލަރު ދައްކައިފި

ނ. އިރުފުށި ރިސޯޓް ހިންގުމާ ގުޅޭ ގޮތުން ސަން ޓްރެވަލްސް ކުންފުންޏާއި ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލާގައި އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް 31 މިލިއަން ޑޮލަރު (480 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކާފައިވާ ކަމަށް ސަން ކުންފުނިން ބުނެފި އެވެ.

ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު އިރުފުށި ބީޗު އެންޑް ސްޕާ ރިސޯޓު ހިންގުމަށް 27 ފެބްރުއަރީ 2009ގައި ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލުކުރީ 30 އޭޕްރިލް 2012ގަ އެވެ. އެކަމާ ގުޅިގެން ހިލްޓަން އިން ސަން ޓްރެވަލްސްއާ ދެކޮޅަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ)ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއަށް މައްސަލަ ހުށަހެޅި އެވެ.

އަދި އާބިޓްރޭޝަން ބައްދަލުވުމުން ބާއްވާނެ ތަނެއްގެ ގޮތުގައި ސިންގަޕޫރު ކަނޑައެޅި އެވެ. އެ މައްސަލަ ބެލުމަށްފަހު ސިންގަޕޫރު އާބިޓްރޭޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސަން ޓްރެވަލްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާބިޓްރަލް އެވޯޑާއި އިންޓްރެސްޓް ހިމެނޭ ގޮތަށް 31 މިލިއަން ޑޮލަރު އެ ކުންފުނިން ހިލްޓަނަށް ދައްކާފައިވާ ކަމަށެވެ. ގާނޫނީ ހަރަދާއި އެހެނިހެން ވެސް ގޮތުގައި އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ސަން ޓްރެވަލްސްގެ ބަޔާނުގައިވާ ގޮތުން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލުކުރަން ޖެހުނީ އިރުފުށި ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަން ކުންފުނިން ބުނެފައިވާ އާމްދަނީ ނުލިބި، ހަރަދު ބޮޑުކޮށް ރިސޯޓް ހިންގަން ޖެހި، ސަން ޓްރެވަލްސް ބަނގުރޫޓްވުމުން ސަލާމަތް ކުރުމަށްޓަކަ އެވެ. އަދި އެ ރިސޯޓް ހިންގުމަށް ހިލްޓަނުން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ހުރިހާ ފައިސާއެއް ހަރަދުކުރީ ސަން ޓްރެވަލްސް އިން ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަން ޓްރެވަލްސް އިން އިތުރަށް ބުނީ، ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

އަދި އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށާއި ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި ގާނޫނީ ފަރުވާތައް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބުންޏެވެ.