ކާނެ އެއްޗެއް ނެތް ކަމަށް ބުނެ ފިހާރައަކުން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކުރި އަންހެނަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 41 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދު ޖަހަން ގެންދިއުމުން ކޯޓުން ނިންމީ ޝަރުތުކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލާށެވެ.
ބަންދު އަޑުއެހުމުގައި އަންހެން މީހާ ވަނީ އޭނާއަކީ ވަރަށް ދަތިހާލުގައި ދިރިއުޅެމުންދާ މީހެއް ކަމަށާއި ވައްކަން ކޮށްފައިވަނީ ކާނެ އެއްޗެއް ނެތިގެން އިތުރު ބޮޑު ކުށެއް ނުކޮށް ކާނެ އެއްޗެއް ހޯދުމަށް ކަމަށް ބުނެފަ އެވެ.
އަދި އޭނާ ވަގަށް ނަގަން އުޅުނު ތަކެތި ފިހާރައާ ހަވާލުކޮށް، އެ ފިހާރައިގެ މީހުންގެ ކިބައިން މާފަށް އެދިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.



