ނޮވެމްބަރ 22, 2024

ފިޠުރު ޒަކާތް ދެނެގަތުން

ފިޠުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަޔާ ގުޅިގެން ފަރުޟުވާ އަޅުކަމެކެވެ. މި ޒަކާތަށް ފިޠުރޭ ކިޔެނީ ރޯދަވީއްލުމާ ގުޅުވައިގެންނެވެ. މިތަނުގައި ރޯދަވީއްލުމޭ ބުނެވޭ ބަހުގެ މާނައީ، ފަރުޟު ރޯދަ އެއްކޮށް ނިމުމެވެ. ރޯދަމަސް ނިމުމެވެ.

ފިޠުރު ޒަކާތަކީ ރޯދަވެރިޔާއަށް އޮތް ޠާހިރުވުމެކެވެ. عَنْ ابْنِ عَبَّاسٍ قَالَ: «فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ»  (رواه أبو داود 1371) މާނައީ: އިބްނު ޢައްބާސް ވިދާޅުވިއެވެ. ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ފަރުޟުކަމުގައި ޙަދީޘްކުރެއްވީ، ރޯދަވެރިޔާއަށް ރޯދައަށް ހުރެ ދެކެވުނު ވިޔާނުދާ ވާހަކަތަކަށާއި ހަޑިހުތުރު ޢިބާރާތް ތަކުން ޠާހިރުވުމެއް ކަމުގައި އެކަން ލެއްވުމަށެވެ. އަދި މިސްކީނުންނަށް ކާންދިނުމަށެވެ. ޢީދު ނަމާދުގެ ކުރިން ދައްކައިފި މީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ބަލައިގަނެވޭނެއެވެ. އަދި އެއަށްވުރެ ފަސްކޮށްފި މީހާގެފަރާތުން އެ ބަލައިގަނެވޭނީ ޞަދަޤާތެއްގެ ގޮތުގައެވެ.

ޠާހިރު ކުރުމެއް ކަމުގައި ޙަދީޘްގައި އެ ވަނީ އޭނާއަށް ކުރެވިފައިވާ ނުރަނގަޅު ކަންތަކުން ޠާހިރުކޮށްދެއްވުމެއް ކަމުގައެވެ. އަދި މި ކަމަށް ޤުރުއާނުގެ އަޢުލާ ސޫރަތުން ދަލީލު ލިބޭކަމަށް ޢިލްމުވެރިން ދެކެލައްވައެވެ. ﴿قَدْ أَفْلَحَ مَن تَزَكَّىٰ(١٤) وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ(١٥) (الأعلى) މާނައީ: ”(ކާފިރުކަމުން) ޠާހިރުވެ، އަދި އެ މީހާގެ ވެރިރަސްކަލާނގެ އިސްމުފުޅުހަނދުމަކޮށް، ނަމާދުކުޅަ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.“

”ފިޠުރު ޒަކާތް ވާޖިބުވަނީ ރަމަޟާންމަހުގެ އެންމެ ފަހުދުވަހުގެ އިރުއޮއްސުމުންނެވެ. އިރު އޮއްސުމުގެ ކުރިން ކާވެނިކުރިމީހާ އާއި ވިހޭ ދަރިއާއި އަލަށް އިސްލާމްވި މީހާއަށް ވެސް ފިޠުރު ޒަކާތް ވާޖިބުވެގެންވެއެވެ. އޭނާގެ އަނބި މީހާގެ މަތިން ފިޠުރުޒަކާތް ނެރެންވާނެއެވެ. ވިހޭ ކުއްޖާގެ މަތިން ވެސް ފިޠުރު ޒަކާތް ނެރެންވާނެއެވެ. އަލަށް އިސްލާމްވި މީހާ ވެސް ފިޠުރު ޒަކާތް ނެރެންވާނެއެވެ. (އެއީ އިރުއޮއްސުމުގެ ކުރިއަށް އެ ކަންކަން ވީނަމައެވެ.) އަދި އެރޭގެ އިރު އޮއްސުނުފަހުން މަރުވި މީހާގެ މަތިން ވެސް ފިޠުރު ޒަކާތް ނެރެންވާނެއެވެ.“ މިއީ އަޙްމަދު އެކަލޭގެފާނުގެ ފޮތް އަލް-މުޣްނީގެ، ފިޠުރު ޒަކާތް ވާޖިބުވާ ވަގުތު ބަޔާންކުރި ބާބުގައި ލިޔުއްވައިފައި ވާ ގޮތެވެ.

އެހެންކަމުން ރަމަޟާންމަހުގައި ހާޟިރުވެ ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވެގެން ވެއެވެ. ކާފަރުންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމެއް ނުވެއެވެ. އަދި އެއީ ޤަބޫލުވެވިގެންވާނޭ ކަމެއް ވެސް ނުމެނޫންމެއެވެ. ޝައްވާލުމަހުގެ ފުރަތަމަ ރެއާއި އެ ދުވަހު، ތިމާއާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި މީހުން ކާނޭ މިންވަރު ހުރެފައި އިތުރުވި ކޮންމެ އެއްޗަކުން ފިޠުރު ޒަކާތަށް ނެރެންވާ މިންވަރު ހަމަވާ ނަމަ ފިޠުރު ޒަކާތް ނެރެންވާނެއެވެ. އަދި ތިމާއާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި މީހުން ކާނޭ މިންވަރު ހުރެފައި އިތުރުވި މިންވަރުން އެންމެގެ ކިބައިން ފިޠުރު ޒަކާތް ނުނެރެވޭ ނަމަ ހުރި މިންވަރަކުން ނެރެވުނު ބައެއްގެ ނަމުގައި ނެރުންހުއްޓެވެ. ތިމާއާއި ތިމާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި މީހުން ކާނޭ މިންވަރަށްވުރެ އިތުރަށް ނެތް މީހާގެ މައްޗަށް މިކަން ވާޖިބު ނުވާހުއްޓެވެ. މިއީ އިމާމް ޝާފިޢީގެފާނު އެކަލޭގެފާނުގެ ފޮތް އަލް-އުއްމުގެ ފިޠުރު ޒަކާތް ނަންގެންނެވި ބާބުގައި ލިޔުއްވާފައިވާ ގޮތެވެ. ބުއްދި ފިލައިގޮސްފައިވާ މީހާގެ ބެލެހެއްޓުން ތެރިޔާ އާއި ކުޑަކުދިންގެ ބެލެނިވެރިން ވެސް އެ މީހުންގެ ޒަކާތް ނެރެންވާނޭ ކަމަށް އިމާމްޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. މޮޔަމީހާގެ ބަލަދުވެރިކަމުގައި ތިބި އެންމެންގެ ފަރާތުން ވެސް ޒަކާތް ނެރުން އޮތީ އޭނާ ބަލަހައްޓާ މީހާގެ މައްޗަށެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ތިބި އެންމެން ގެ ފަރާތުން ޒަކާތް ދައްކަން ވާނެއެވެ. އޭނާގެ ބެލެހެއްޓުމުގެ ދަށުގައި ވާ ފަރާތްތައްކަމުގައި މި ބުނަނީ އޭނާ އެ ބަޔަކަށް ޚަރަދުދޭ މީހުންނެވެ. މީހެއްގެ ވަޒީފައިގައި ތިބި ބައެއްގެ ފަރާތުން އެ ސާހިބުމީހާ ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. އެ މީހުންނަކީ މުސާރަވެރިންކަމުގައި ވާ ކޮންމެ މީހަކު އޭނާގެ އަމިއްލަ މުދަލުން ޒަކާތް ދައްކާނީއެވެ. ސާހިބުމީހާ އޭނާގެ މުވައްޒަފުންގެ ފަރާތުން ޒަކާތް ނެރެފި ނަމަ މުވައްޒަފުން ދެން ޒަކާތް ދިނުމެއް ނެތެވެ. ސާހިބުމީހާ ދެއްކި ޒަކާތް ވާނީ އެ މުވައްޒަފުންގެ ފަރާތުން ޤަބޫލުވެވިގެންނެވެ.

އިބްނު ޢުމަރުގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. «فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاةِ.» صحيح البخاري 1407)މާނައީ: “ މުސްލިމު ކޮންމެ އަޅަކާއި މިނިވަނެއްގެ ކިބައިންނާއި ފިރިހެނަކާއި އަންހެނެއްގެ ކިބައިންނާއި ކުޑަކުއްޖަކާއި ބޮޑުމީހެއްގެ ކިބައިން، ކަދުރުން ސާއުއެއްގެ މިންވަރު ނުވަތަ ހިމަގޮދަނުން ސާއުއެއްގެ މިންވަރު ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ފަރުޟުކުރެއްވިއެވެ. އަދި މީސްތަކުން (ޢީދު) ނަމާދަށް ނުކުތުމުގެ ކުރިން ޒަކާތް އަދާކުރުމަށް އަމުރުކުރެއްވިއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ފިޠުރު ޒަކާތައް ރައްކާތެރިވާށެވެ! ފަރުވާކުޑަކަމުން އިހުމާލުކުރާ ކަމެއްގެ ގޮތުގައި މިކަން ނުހަދާށެވެ. ރަމަޟާންމަހުގެ އަޅުކަމަށް ފުރިހަމަކަން ލިބި ތަޤުވާވެރިކަން އިތުރުވާ ކަމެއްކަމުގައި މި ޒަކާތް ވާ ހިނދު ވީ އެންމެ އަވަހަކަށް ޒަކާތް ނެރޭށެވެ. ތިޔަބައިމީހުންގެ ކިބައިންނާއި އަހުރުމެންގެ ކިބައިން ޤަބޫލުކުރައްވާށިއެވެ. އާމީން

Leave a Reply