ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ޑަޒަން ޑަޒަނަށް ވަޒީފާތަކަށް މީހުން ނަގަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދިން ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ފެނަކަ އޮތީ ބަނގުރޫޓުވެފައި ކަމަށާއި ކުންފުނި ކޮޅަށް ޖެހޭނީ މުވައްޒަފުން މަދުކޮށްގެން ކަމަށް ބުނުމަށް ފަހު، ކަނޑާލި ކޮންމެ މުވައްޒަފަކަށް އިތުރު ދެ މުވައްޒަފުން ވައްދާފައިވާ ކަމަށެވެ.
”އެއީ ހާމައަށް ފެންނަން އޮތް ކަމެއް. ހާމަކުރައްވާ. އެ ވަޒީފާ ދިން މީހުންގެ އަދަދު. ނުކުރާކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވާނަން. އަޅަންޖެހޭ ފިޔަވަޅު އަޅާނަން. އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް،“ ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވަރަށް ގިނަ ވައުދު ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ދޮގުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ދޮގު މައްޗަށް ދޮގު ހައްދަވަމުން ގެންދަވާ ކަމަށާއި އެކަން ހުއްޓުވައި، އެކަމާ ގުޅޭ ގޮތުން ސުވާލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހުރިހާ ކަމެއް ހާމަކުރައްވައިގެން ވެރިކަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސިޔާސީ ވަޒީފާތައް ޑަޒަނުން ޑަޒަނުންދޭއިރު އެ އަދަދު ހާމަނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
”އެއީ 1،500 އަށްވުރެ މައްޗަށް އެ ލިސްޓު (ސިޔާސީ މީހުންގެ ލިސްޓު) އަރައިގެން އެ ދަނީ. ކީކޭތޯ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވިދާޅުވީ. އަސްލަމް އެކަނި ކަންނޭނގެ އިންނެވީ. އެހެން ބޭފުޅުން ވަޑައެއް ނުގަންނަވާ. އަޑުއައްސަވާނެ. ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔަކާ ވަޒީފާއަށް އިތުރު މީހަކު ނުނަގާނަމޭ. ހާމަކުރައްވަންވީތޯ. ރައްޔިތުންގެ ފައިސާ އެ ހަރަދުކުރައްވަނީ،“ ސޯލިހު ވިދާޅުވި އެވެ.

ގުޅުންހުރި
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ:
ގެއެއްގެ ވެރިޔާއަށް ބިރުދައްކައި އަނިޔާކުރި މީހުން، ފުލުހުންނަށް ހެކި ނުދެއްކިގެން ދޫކޮށްލައިފި
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ:
ގެއެއްގެ ވެރިޔާއަށް ބިރުދައްކައި އަނިޔާކުރި މީހުން، ފުލުހުންނަށް ހެކި ނުދެއްކިގެން ދޫކޮށްލައިފި