ޖުލައި 6, 2024

ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން، ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކޮށްފި

ދިވެހި ސަރުކާރުން އެދުމުގެ މަތިން އިންޑިއާއިން، ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެ އަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިންއިރު ފަސް ޕަސަންޓު އިތުރުކޮށްދީފައިވާ ކަމަށެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާގައި ހިމެނެނީ:

ބިސް: 427 މިލިއަން

އަލުވި: 21،513.08 މެޓްރިކް ޓަނު

ފިޔާ: 35،749.13 މެޓްރިކް ޓަން

ހަނޑޫ: 124،218.36 މެޓްރިކް ޓަން

ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން

ހަކުރު: 64،494.33 މެޓްރިކް ޓަން

މުގު: 224.48 މެޓްރިކް ޓަން

މީގެ އިތުރުން އިންޑިއާއިން ވަނީ ރާއްޖެއަށް އެކްސްޕޯޓްކުރާ ހިލަ އަދި ހިލަވެލީގެ ކޯޓާ 25 ޕަސަންޓަށް އިތުރުކޮށްދީފައެވެ. އެއީ އެއް މިލިއަން މެޓްރިކް ޓަނެވެ. އިންޑިއާ ހައި ކޮމިޝަނުން ހިލައާއި ހިލަވެލީގެ ކޯޓާ އިތުރުކުރުމުގެ ސަބަބުން ރާއްޖޭގެ އިމާރާތްތަކުރުމުގެ ސިނާއަތަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ ’އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން’ގެ ދަށުން މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރު ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

 

ދިވެހި ސަރުކާރުން އެދުމުން އިންޑިއާއިން، ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކޮށްފި