މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ތަޅައި އަނިޔާކުރީ އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ ރަސްދޫގައި ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވެސް މިރޭ އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.
”ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި. މިކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން،“ އިހުސާން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި މިރޭ އާންމުވެފައިވާ ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯއަކީ ކޮންއިރެއްގެ ވީޑިއޯއެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ނަމާދު ކުރަމުންދިޔަ ވަގުތެއްގައިކަން ވީޑިއޯ އިން އިނގެ އެވެ.
ވީޑިއޯ އިން ފެންނަނީ ފުރާވަރު އުމުރެއްގެ ދެ ކުއްޖެއް ކަމަށް ބެލެވޭ ދެ ކުއްޖަކު، އެހެން ކުއްޖެއްގެ ގައިގާ ތަޅާ އަނިޔާކުރާ މަންޒަރެވެ. އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ މޫނު ވީޑިއޯގައި ހުރީ ފުސްކޮށްފަ އެވެ.
އެގޮތުން އެ ކުއްޖާގެ ބޮލުގައާއި ބުރަކަށީގައި އަދި ކަންކަށިމަތީގައި އެތައް ފަހަރަކު ތަޅައި މައާފަށް އެދެން ބުނާ އަޑުއިވެ އެވެ. އަދި ވީޑިއޯގެ ވަކި ހިސާބަކުން ކުއްޖާގެ އަތުގައި އޮތް ފެންފުޅި ނަގައި ބޮލަށް އޮއްސާލައި ސުޕާރީ ޕެކެއްޓެއް ދިރުވާލަން އަންގައި ބިރު ދައްކާ އަޑުވެސް އިވެ އެވެ. އަދި ފަހުން ކުޑަކަކޫ ޖައްސުވައި ކުއްޖާ ކޮންމެވެސް ކަމަކަށް މާފަށް އެދެންވެސް މަޖުބޫރު ކުރުވަ އެވެ.
ފަހުން އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ ރުއިން ފަޅައިގެން ގޮސް، އަނިޔާ ނުކުރުމަށް އާދޭސް ކުރާ އަޑު އިވެ އެވެ. އެގޮތުން “ޕްލީސް”، “ދެންހޮޔޮ” ކިޔައި ރޮމުން އަނިޔާ ނުކުރުމަށް އެދެމުންދިޔަ އެވެ.
ދެ މީހަކު ވެގެން ކުއްޖާއަށް އަނިޔާކުރި އިރު، އެ މަންޒަރުތައް ވީޑިއޯ ކުރަން ހުރި މީހާ ހެމުންދިޔަ އަޑުވެސް ވީޑިއޯއިން އިވެ އެވެ. ކުއްޖާއަށް އަނިޔާކުރުން ހުއްޓާލައި ފަހާނައިން ނުކުމެގެން އެ މީހުން ދިޔައީ ސަލާމް ގޮވުމުންނެވެ. އޭރުވެސް ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ ރޮމުންދާ މަންޒަރު ފެނެ އެވެ.
ގުޅުންހުރި
ބޭރު ފައިސާއާ ބެހޭ ބިލްގެ ޑްރާފްޓުގައި ޑޮލަރު މާރުކުރުމަށް ލުއިތަކެއް ދީފި
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން
ސްޓެލްކޯގެ މަސައްކަތުން ސޯލާ އެނާޖީގައި ރަކީދޫއަށް ބޮޑު ކުރިއެރުމެއް!
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ