ޖުލައި 2, 2024

މާވަޑި މީހާ އެންމެފަހުން ހެދި ގެ

ވަޑާންކޮށް އުޅުނު މޮޅު މާވަޑިއެކެވެ. ހޭލައިގަތީއްސުރެ އޭނާ އުޅުނީ ވަޑާންކުރުމުގައެވެ. އާމްދަނީ ހޯދަން ކުރާން ފެށި މަސައްކަތަކީ ތެދުވި ވަޑާންކުރުމެވެ. ވަޑާމުގެ މާހިރުން ކައިރިން މަސައްކަތް ދަސްކުރިއެވެ. އަތްދަށު ވަޑިއެއްގެ ގޮތުގައި އެތައް ޒަމާނެއް އުޅުމަށް ފަހު، އެހެން މީހުންގެ ނެވިކަމުގެ ދަށުން މަސައްކަތް ކުރުން ހުއްޓައިލައި މާވަޑިކަން ކުރަން ފަށައިފިއެވެ.

މީނާގެ މަސައްކަތުގެ ފެންވަރާއި ހުނަރުގެ މޮޅުކަމުން ބޮޑެތި ކުންފުނިތަކުން އަބަދުމެ ތިބެނީ އެ ކުންފުނީގެ މާވަޑިކަމަށް މީނާ ގެނައުމަށް އެދިއެދިއެވެ. އެހެނަސް މީނާ އިޚުލާޞްތެރިކަމާ އެކު އެއް ކުންފުންޏެއްގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކުރިއެވެ. ފުރިހަމަ ހީވާގިކަމުގައެވެ. ދުނިޔޭގެ ޙަޤީޤީ ޠަބީޢަތު އޭނާގެ މައްޗަށް ވެސް ހިނގަމުންދިޔައެވެ. ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ފާއިތުވަމުން ގޮސް މުސްކުޅި އުމުރާ ކުރިމަތިލާން ޖެހުނެވެ. ލޯބޯ ކޮށިވެ ގައިބާރު ދެރަވެއްޖެއެވެ. ހަލުވިކަން ގެއްލި ޖޯރުކެނޑެން ފަށައިފިއެވެ. ގިނަވަގުތު އަރާމުކުރުމަށް ހަށިގަނޑު އެނދެންފަށައިފިއެވެ. އެހެނަސް ތަޖުރިބާއާއި ފަރުވާތެރިކަމަށް ކުޑަވެސް ހީނަރުކަމެއް ނުގެނެއެވެ. މަސައްކަތުގެ ވަގުތު ދިގުވުން ނޫން އިތުރު މައްސަލައެއް ނެތެވެ.

މާވަޑިމީހާގެ އަނބިދަރީން ވެސް މިހާރު އެދެނީ ބައްޕާ މަސައްކަތުން ވީއްލިގެން ގޭގައި ހުރުމަށެވެ. ދަރީން ބޮޑެތިވާ އުމުރަށް ވެސް އަޅައިޕެވެ. ކޮންމެ އަކަސް މިހާލަތަށް ކަންތައް ދިޔުމުން މާވަޑިކަލޭގެ އޭނާ މަސައްކަތް ކުރަމުން އައި ކުންފުނީގެ ސާހިބުމީހާ ގާތު މި ވާހަކަ ދައްކައިފިއެވެ. އޭނާގެ ރަނގަޅުކަމުން މާވަޑިޔާއަށް ކޮންދިން ހުރިހާ ހެޔޮކަމަކާއި ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރިއެވެ. ޙާލަތަކީ ބަދަލުވާނޭ އެއްޗެއް ކަމާއި ދަތި އުނދަގޫ ވަގުތުތަކުގައި ދެފަރާތަށް ވެސް ކެތްތެރިކަން ދެއްވުން އެދި ﷲއަށް ދުޢާކުރިއެވެ. މާވަޑިޔާގެ ޢާއިލާއަށާއި ޒާތީ ހުރިހާ ކަމަކަށް ސާހިބުމީހާ ބަހައްޓާ ގާތްކަން ފާހަގަކޮށް އޭގެ ބަދަލު ޤިޔާމަތް ދުވަހުން ދެއްވުން އެދި ދުޢާ ވެސް ކޮށްދިނެވެ. ލިބެމުންއައި އާމްދަނީ ހުއްޓުމަކީ ވެސް ކުޑަ ހިތާމައެއް ނޫން ކަމާ،އެހެނަސް މި ވަގުތު ޙާލަތު ހުރިގޮތުން އިތުރު އެހެންގޮތެއް ނެތި މަސައްކަތާ ދުރަށް ދާން މި ހުށާއަޅާ ހުށައެޅުން ބަލައިގަތުމަށް މާވަޑިކަލޭގެ ސާހިބުކުރެން ވަރަށް އަދަބުވެރިކަމާ އެކު އެދުނެވެ. ސާހިބުމީހާ އެއިން އެއްވެސް ކަމަކަށް ޖަވާބުދިނުމެއް ނެތި މާވަޑިޔާގެ ވާހަކަ އަޑުއަހަމުން ދިޔައެވެ.

ޖެހިގެންއައި ދުވަހު ސާހިބުމީހާ މާވަޑިކަލޭގެއަށް ގޮވައި އޭނާގެ އޮފީހަށް އައުމަށް އެދުނެވެ. މާވަޑިކަލޭގެ އޮފީހަށް ވަތްއިރު އެތާކު އިތުރު މީހަކުނެތެވެ. ތިބީ އެ ދެމީހުން އެކަންޏެވެ. ސާހިބުމީހާ މާވަޑިޔާއަށް މުޚާތަބުކޮށް ބުންޏެވެ. އޭ އަހަރެންގެ ކުންފުންޏަށް ވަފާތެރި މޭސްތިރިޔާއެވެ! ތިބާ މި ކުންފުންޏާ ވަކިވާން އެދުނު ކަމީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. ކުންފުނީގެ ނަމާއި އިތުބާރު ދެމި މި އޮންނަނީ ތިބާގެ މަސައްކަތުގެ ސަބަބުންނެވެ. ކުންފުނީގެ ކުރިއެރުމަކީ ތިބާގެ ހިތްވަރެވެ. ކުންފުނީގެ އެހެން މުވައްޒަފުންގެ ފެންވަރަކީ ތިބާގެ ފަންނެވެ. ކުންފުނި އޮތީ ތިބާގެ މަސައްކަތަށް އިތުރަށް ބޭނުންވެފައެވެ. އެހެނަސް ލޯމަތިން ފެންނަން އޮތް ޙަޤީޤަތަކީ މަށަށް ވެސް އިންކާރުކުރެވޭނޭ އެއްޗެއް ނޫނެވެ. ކޮންމެ މީހަކަސް ވެސް އަދި ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނޭ ކަން ޤަބޫލު ނުކުރާނީ މޮޔައިންނެވެ. ވަފާތެރި މާވަޑިޔާއެވެ! ތިބާ މި ކުންފުނިން އެކީއެކަށް ނުކުމެގެން ދިޔުމުގެ ކުރިން އެންމެ ފަހު މަސައްކަތެއްގެ ގޮތުން ގެއެއް އަޅައިދޭށެވެ. އެއީ މި ކުންފުނިން ތިބާއާ ޙަވާލުކުރާނޭ އެންމެ ފަހުގެ މަސައްކަތެވެ.

އުނދަގޫ ހިތަކައިގެން، އެހެނަސް ސާހިބުމީހާގެ އެންމެ ފަހުގެ އެދުންކަމުގައި އެކަން ވާތީ، މާވަޑިކަލޭގެ އެ ކަމަށް އެއްބަސްވިއެވެ. ސާހިބުމީހާ އެދުނީ މާ ގިނަދުވަސްތަކެއް ނުކޮށް އެ މަސައްކަތް ފަށައިދިނުމަށެވެ. އަދި ހީވާގިކަމާ އެކު މަސައްކަތް ނިންމައިލުމައް ވެސް އެދުނެވެ.

މާވަޑިމީހާ މި ވާހަކަ ޢާއިލާ މީހުންނަށް ވެސް ކިޔައިދިނެވެ. އަދި އިސާހިތަކު މަސައްކަތުން ވީއްލިގެން ޢާއިލާއާ އެކު އަރާމުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ހުސްވެވޭނޭ ކަމުގެ އިޙުސާސްތައް އޭނާގެ ކިބައިގައި އުފެދެއް ފަށައިފިއެވެ. މަސައްކަތު މާޙައުލާ މީހާގެ ހިތް ފޭވާން ފަށައިފިއެވެ. ގޭތެރޭގެ މާޙައުލަށް ލޯބި އިތުރުވާން ފެށިއެވެ.

ސާހިބުމީހާ އެދުނު އައުގެ އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔައްދާއިރު މާވަޑިމީހާގެ ކިބައިން ފެންނަނީ މަސައްކަތާ ތަންކޮޅެއް ބީރައްޓެހިކޮށް އުޅޭ މަންޒަރެވެ. އަތްދަށުވަޑިންނަށް ކަންކަން މާބޮޑަށް ދޫކޮށްލާތަނެވެ. މީގެކުރިން ސީދާ މާވަޑީގެ ބެލުމުގެ ދަށުންނޫނީ ނުކުރާނޭ އެތައް ކަމެއް މިފަހަރު ބަލައި ވެސް ނުލާ ދޫކޮށްލެވެތީ ފެނެއެވެ. ކުރުކޮށް ބުނާނަމަ ދޭންވާ ވަރަށް ސަމާލުކަން ނުދީ ފަސޭހަކޮށްލެވެނީއެވެ. ހީވާގި މާވަޑިއެއްގެ މަސައްކަތާ މިހާރު އެކުރާ މަސައްކަތާ އަޅާ ބަލާ މީހަކު ބުނާނީ އޭނާ މި ކަމުގައި ފަރުވާކުޑަކޮށްފިއެވެ. ކޮންމެ އަކަސް ހިތުގެ އުމުގުން މަސައްކަތައް ލޯބި ކުޑަކަން ޔަޤީނެވެ. ހަދަމުން އަންނަ ގެއަށް ހޯދާ ލަކުޑިއާއި އެނޫން ސާމާނު ގަތުމުގައި ވެސް ފެންވަރަށް ބެލުމެއް ނެތި އަވަހަށް ލިބުނު ކޮންމެ އެއްޗެއް ގެނެސްގެން ކަން ނިންމައިލެވޭތޯ ބަލައިފިއެވެ.

މިފަހަކަށް އައިސް މާވަޑިމީހާ އަޅާ ގޭގޭގެ މަސައްކަތު މުއްދަތައް ވުރެ މާ ކުރިން ގެހަދައި ނިންމައި ސާހިބުމީހާއަށް އެކަން އަންގައިފިއެވެ. ކުންފުންޏާ ގެ ހަވާލުކޮށްފިއެވެ. އަދި އޭނާ ކުންފުނިން ވަކިކޮށްދިނުމަށް އެދެފިއެވެ. ސާހިބުމީހާ ގެ ޖަވާބަކަށް ވީ ”ތިޔަ ކަން ނިންމާނީ އޮފީހުންނެވެ. އެހެންވީމާ މާދަމާ އޮފީހަށް އަންނާށެވެ!“ މިއެވެ.

ޖެހިގެންއައި ދުވަހު ހެނދުނުހެނދުނާ މާވަޑިޔާ ކުންފުނީގެ އޮފީހަށް ދިޔައެވެ. މާވަޑިކަލޭގެ އޮފީހަށް ވަތްއިރު އެތާކު އިތުރު މީހަކުނެތެވެ. ތިބީ އެ ދެމީހުން އެކަންޏެވެ. ސާހިބުމީހާ މާވަޑިޔާއަށް މުޚާތަބުކޮށް ބުންޏެވެ. އޭ އަހަރެންގެ ކުންފުންޏަށް ވަފާތެރި މޭސްތިރިޔާއެވެ! ތިބާގެ ވަކިވެދިޔުން މި ކުންފުންޏަށް ހިތާމަވެރިކަން ގެނުވައިފިއެވެ. އެހެނަސް ޠަބީޢީ ޤާނޫނާ ޚިލާފުވެވޭނީ ކާކަށް ހެއްޔެވެ؟ ފެށިއްޖެ ކޮންމެ ކަމަކީ ނިމޭނޭ ކަމެކެވެ. އަރައިފި ކޮންމެ ތަރިޔަކީ އޮއްސޭނޭ އެއްޗެކެވެ. ތިބާއާ ތިމަންނާއާ އޮތް ގުޅުން ދުނިޔެއާއި އާޚިރުގައި ވެސް ލަހައްޓަވާށިއެވެ. މާވަޑިޔާއެވެ! ތިބާގެ ވަފާތެރި އިޚްލާޞްތެރި ދިގު މުއްދަތުގެ އަގު ވަޒަންކުރަން އަހަރެން ބޭނުމެވެ.  މި އޮތީ އެ ކަމަށް ޓަކައި ދޭ ކުޑަކުޑަ ހަދިޔާއެކެވެ. ހިތުން ރުހުމުން މީގައި ހިފާށެވެ. މިހެން ބުނަމުން ސާހިބުމީހާ ދިއްކޮށްލީ މާވަޑިކަލޭގެ އޭނާއަށް އިއްޔެދިން ތަޅުދަނޑިއެވެ. އާދޭހެވެ! މާވަޑިޔާ އެންމެ ފަހުން ހަދައިނިންމި ގޭގެ ތަޅުދަނޑިއެވެ. މާވަޑިޔާގެ ހިތަށް ލިބުނީ ޙައިރާންކަމެވެ. ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން ދައްޗެއެވެ.

އޮފީހަށް ވެރިވެފައި ވާ ހަމަހިމޭންކަން ފޫވައްޓައިލީ ސާހިބުމީހާގެ ވަހަކައެވެ. އޭނާ ބުންޏެވެ. ތިކަހަލަ ހުނަރުވެރި ކުޅަދާނަ މާވަޑިއަކަށް އެންމެ އެކަށީގެންވާ ހަދިޔާއެއްކަމުގައި މި ނުވިޔެއް ކަމަކު މިއީ އަހުރެންނާއި އަހުރެންގެ ޢާއިލާގެ ފަރާތުން ތިބާއަށާއި ތިބާގެ ޢާއިލާއަށް ދިން ހަދިޔާއެކެވެ. ދެން އަވަހަށް އެނބުރި އަނބިދަރީންގެ ގާތައް ދާށެވެ. މާވަޑިޔާގެ ހުރިހާ ކަމަކަށް ކުންފުނީގެ ފަރާތުން ޝުކުރު އަދާކުރަމެވެ.

ކުންފުނީގެ އޮފީހުން ނުކުމެ މާވަޑިކަލޭގެ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަށް ބަލާފައި އަމިއްލަ ހިތާހިތުން ބުންޏެވެ. އަހަރެންގެ އަތުންކުރި އެންމެ ދެރަ މަސައްކަތް މި އައިސް ޖެހުނީ އަހަރެންނަށެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ފަރުވާތެރިވާން ވާނެއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސައް ވެވޭ ހެޔޮ ކަމެކެވެ

ލޮބުވެތި ކިޔުންތެރިންނޭވެ! ތިބާއާއި އަޅުގަނޑާ ދެ މީހުންނަކީ ވެސް މިކަހަލަ މާވަޑިއެކެވެ. އަޅުގަނޑުމެން ދުނިޔޭގައި ބިނާކުރަމުން މި ދަނީ އާޚިރަތުގެ ގަނޑުވަރެވެ. އެ ތަނުގެ ތަނަވަސްކަމާއި ފުރިހަމަކަން އިތުރު ކުރުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ. ހީވާގިކަމާއި މުރާލިކަމާ އެކު ފަސްނުޖެހި އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެ ގަނޑުވަރު ފުރިހަމަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފަރުވާތެރިކަމާ އެކު ކުރާށެވެ! ގަނޑުވަރުގެ ތަޅުދަނޑި ލިބޭ ދުވަހު އުފާވާ މީހުން ކަމުގައި އޭރުން ވާނެއެވެ. މިއީ ރަމަޟާންމަހުގެ ފަހުދިހައެއްގައި ހަނދާންކޮށްލުން ކިހާ ޢިބުރަތްތެރި ރަނގަޅު ވާހަކައެއް ތޯއެވެ! މި މަހުގެ ފަހު ދިހައިގެ ފަހު ދުވަސްތަކުގައި ހިތްވަރު ދެރަނުކޮށް އެންމެ ރަނގަޅު ފެންވަރުގައި އަޅުކަންކުރަމާ ހިނގާށެވެ!