ޖުލައި 4, 2024

13 އަހަރުން މަތީގެ ކުދިންނަކީ އިސްލާމް ދީނުގައިވާ އަދަބުތަކުން ބަރީއަވާނެ ބައެއް ނޫން

އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަކީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އަދަބުތަކުން ބަރީއަވާނޭ ކުދިންނެއް ނޫން ކަމަށް ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި އުމުރުން 13 އަހަރާއި 14 އަހަރުގެ ކުޑަ ދެ ކުއްޖަކު، އެ ރަށުގެ މިސްކިތުގެ ފާހާނާ ތެރޭގައި އެހެން ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ޝައިހް ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނުގައި ތޭރަ ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ ގަލަން އުފުލިގެންވާ ކުޑަކުދިންނެއް ނޫން ކަމަށެވެ.

އަދި 18 އަހަރު ވުމުން ނޫނީ ބޮޑުމީހަކަށްވެ މުކައްލަފަކަށްވެ ތިމާކުރާ ކަންކަމަށް އަދަބު ނުލިބޭ ގޮތަށް ކަނޑައަޅައި ނުވަތަ އަދަބު ލުއިކޮށްފައި އޮންނަ އޮތުމަކީ ކަނޑައެޅިގެން ﷲގެ ޝަރީއަތާއި ހިލާފު ބާތިލު ހުކުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

”ﷲގެ ޝަރީއަތުގައިވަނީ، މީހާ ބާލިގުވުމުން ނުވަތަ އައުރަ ގުނަވަނުގެ ވަށައިގެން އިސްތަށި ފެޅުމުން ނުވަތަ ފަނަރަ އަހަރުވުމުން އޭނާ މުކައްލަފަކަށްވެ އޭނާގެ އަމަލުތައް ފޮތުގައި ލިޔެވި އަދި އޭނާ ކުރާ ކުށްތަކަށް ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބު ދޭ ގޮތަށެވެ. އެހެންކަމުން މިމުޖްތަމަޢުގައި ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަދަބުތަކުން ބަރީއަވާނޭ ކުޑަކުދިންނެއް ނޫނެވެ،“ ޝައިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އުމުރުގައި މީހެއް ނުވަތަ ކުއްޖެއްގެ ގައިގާ ތަޅައި އަނިޔާކޮށްފިނަމަ، އިސްލާމީ ޝަރީއަތުގައި އޮތީ ގިސާސްގެ ގޮތުގައި، ހަމަ އެތެޅިގޮތަށް ތަޅައި އެބަޔަކަށް އަދަބު ދިނުން ކަމަށެވެ. އެކަމުގެ ދަލީލެއްވެސް ޝައިހް ހިއްސާކުރެއްވި އެވެ.

”ޝެއިޚުލް އިސްލާމް ابن تيمية – رحمه الله – ވިދާޅުވެފައިވެއެވެ. ”އަތުން ނުވަތަ ދަނޑިބުރިޔަކުން ނުވަތަ ޗާބޫކަކުން ވިޔަސް (މީހެއްގެ) މޫނުމަތީގައި ނުވަތަ ގައިގާ ޖަހައިފި ނަމަ، ޚުލަފާއުއް ރާޝިދުންނާއި (4 ޚަލީފާއިންނާ) އެ ނޫންވެސް ދެން ތިއްބެވި ޞަޙާބީންނާއި އަދި ތާބިޢީ ބޭކަލުންގެ ކިބައިން ޘާބިތުކޮށް ފެންނަން އޮތީ އެކަމުގައި ޝަރުޢުވެގެންވަނީ ޤިޞާޞް ހިފުން ކަމަށެވެ. އަދި އެއީ އިމާމް އަޙްމަދާއި އެނޫންވެސް ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތެވެ. ރަސޫލު الله صلى الله عليه وسلمގެ ސުންނަތުގައިވެސް އައިސްފައިވަނީ އެގޮތަށެވެ. އެހެންކަމުން (މިމައްސަލައިގާ) ޞައްޙަ ރަނގަޅު ގޮތަކީ އެއީއެވެ.“