ޖުލައި 2, 2024

ރޯދަމަސް އަދި ނުނިމެއެވެ

ހަތާވީސްވިލޭރޭގެ އަޅުކަމަށް ގިނަ ޢަދަދެއްގެ މީހުން މިސްކިތްތަކަށް ޖަމަޢަވިއެވެ. އެންމެންގެ ވެސް އުންމީދަކީ ލައިލަތުލްޤަދްރީގެ ހެޔޮކަން ލިބިގަތުމެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުނުވުމެވެ. ޙަދީޘްފުޅުގައި ވާ ނުރައްކާތެރި އިންޒާރުން ސަލާމަތްވުމެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «… فيه لَيلةٌ خَيرٌ مِن ألْفِ شَهرٍ، مَن حُرِمَ خَيرَها فقد حُرِمَ.» (النسائي: 2106) މާނައީ: [އެއް ހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ.]

މިސްކިތްތަކަށް މީސްތަކުން ޖަމަޢަވެ މާތް ﷲއަށް މުނާޖާ ދެންނެވުމުގައި އުޅޭ މަންޒަރަކީ ހައުދަހާވާ ރިވެތި މަންޒަރެކެވެ. އުފާވެރިކަމެކެވެ. އޭގެ ކޮންމެ މީހަކު އެ އެދެނީ އާޚިރަތުގެ އަޒާބުން މުއްތިވުމެވެ. ޤިޔާމްތްދުވަހުން ފާއިޒީންގެ ތެރެއިން ވުމަށެވެ. ފާއިޒީންނަކީ ހުރިހާ ހެވެއްލިބި ކާމިޔާބުވާ މީހުންނެވެ.

އާންމު އުސޫލުން ބަލާއިރު ދުނިޔޭގެ ހުރިހާ ދިމާލަކުން ވެސް ފެންނަ ހިތާމަވެރި މަންޒަރަކީ ހަތާވީސްވިލޭރެއަށް ފަހު މިސްކިތްތައް ފަޅުވުމެވެ. ދީނީ ހެދުން ބާލައި އެއްފަރާތްކޮށްލެވެނީއެވެ. ތާކިހާ ޖީބަށް ލެވެނީއެވެ. މިސްކިތްތަކާ ބީރައްޓެހި ވެވެނީއެވެ. މިފަދަ މަންޒަރު ފެނުމުން ހީވާކަހަލައެވެ. ”ﷲ ވޮޑިގެންވަނީ ހަމައެކަނި ރަމަޟާންމަހުގައި ބާވެއެވެ؟“ އެހެނަކުން ނޫނެވެ! އެއީ ހުރިހާ ވަގުތަކާ ހުރިހާ ތަނެއްގެ ވެރި އިލާހެވެ. ތަންތަނާއި ވަގުތަކީ މަޚޫލޫޤުންގެ ނިސްބަތުން އޮންނަ އެއްޗެކެވެ. ﷲއަކަށް ޒަމާނެއް ނުވަތަ މަކާނެއް ނުވެއެވެ. އެ އިލާހަކީ މަޚްލޫޤީ ހުރިހާ ޠަބީޢަތަކުން ހުސްޠާހިރުވެވޮޑިގެންވާ އަމިއްލަ ޒާތުފުޅައިގެން ފުދިވޮޑިގެންވާ މަތިވެރިވަންތަ އިލާހެވެ.

އެކިއެކި މޫސުމްތަކާއި ދުވަސްތައް ލައްވަވައިފައި ވަނީ މަޚުލޫޤުންގެ ނިސްބަތުގައެވެ. އިންސީންނަށް ކަންކަން ކުރުމަށް ފަސޭހައަކަށެވެ. އެ އިލާހުގެ އަޅުތަކުން ހަނދާން ނެތޭ ހަނދާން ނެތުމުން ސަލާމަތްކޮށްދެއްވައި ހަނދާން އައުކޮށްދެއްވުމަށެވެ. އެފަދަ ފަހި ފުރުޞަތެއް ކަމުގައި ނޫނީ ރަމަޟާންމަސް ނުވެއެވެ. އެގާރަ މަސްދުވަހު ﷲގެ ހަނދުމަ ކުރުމާ ދުރުގައި އުޅުމަށް ފަހު، ނުވަތަ ގަދަކަމުން ވަގުތު ހޯދައިގެން ނޫނީ އަޅުކަމާ ގާތް ނުވެވޭ ވަރަށް ދުނިޔޭގެ ބުރައިގައި އުޅެނިކޮށް، ނަފުސު ތަޒްކިޔާކޮށް ﷲގެ މަގަށް އެނބުރި އައުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

މި މަހުގެ ދުވަސްތަކާއި ރޭތަކުގައި ރަޙުމަތުގެ ދެއްވެވުމުން މަޙުރޫމު ނުވެ، ހުރިހާ ހެޔޮކަމެއް ބޭނުން ނަމަ، ކުރިޔައް މި އޮތް ދެތިންރޭ ވެސް އަޅުކަމުގައި އުޅެންވާނެވެ. ހަތާވީސްވިލޭރެއަށް ފަހު ރަމަޟާންމަސް ނިމުނީއެއް ނޫނެވެ. މި ތިން ދުވަހު ރޯދަ ވެސް ހިފާފަދައިން އެ ދުވަސްތަކާއި އެ ރޭތަކުގައި ޤުރުއާން ކިޔެވުން މަދުނުކުރާށެވެ. ޞަދަޤާތްދިނުން ގިނަކުރާށެވެ. ރޭއަޅުކަމަށް ކަންނެތް ނުވާށެވެ. ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. ހެޔޮ ކަމެއްގެ ގޮތުގައި ދަންނަ ކޮންމެ ކަމެއް ކުރުންމަތީ ދެމިހުންނާށެވެ. ނުބައިކަންތަކާ ދުރަށް ދާށެވެ. މި ކަންކަމުގެ ސަބަބުން، އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައި، ﷲގެ ރަޙްމަތުން އަޅަމެން އެންމެން ނަރަކައިން މުއްތިކުރައްވާށިއެވެ!

ރަމަޟާންމަހު މުރާލިކަމާ އެކު އަޅުކަން ކުރުމަކީ ނަރަކައިގެ ހޫނުން އަޅަމެންގެ މޫނުތައް ސަލާމަތްކުރެވޭނޭ ކަމެކެވެ. ސުވަރުގޭގެ ދާއިމީ ގޮވައްޗަށް ވަދެވޭނޭ ކަމެކެވެ. އެ ތަނުގައި ނިމުމެއްނެތް ޙަޔާތެއް ވެއެވެ. ހިތްގައިމުކަމާ މުނިއަވަސްފިލުވުމެވެ. މޭވާތަކާއި ފެނުގެ ކޯރުތަކެވެ. ތަޤައްޔަރުވުމެއް ނުވާ ކިރުގެ އާރުތަކެވެ. މަސްތުވުމެއްނެތް ރާލާއި މާމުއިގެ ކޯރުތަކެވެ. މި ހުރިހާ ނިޢުމަތްތަކާއި މީގެ އިތުރު ނިޢުމަތްތައް ވެސް ދެއްވާފަރާތަކީ މާތް ﷲއެވެ. އެ އިލާހުގެ އަޅުންގެ ތެރެއިން ކިޔަމަންތެރި އަޅުންނަށް އެކަލާނގެ ރަޙުމަތް ތަނަވަސް ވެގެން ވެއެވެ. އެ މީހުންނަކީ ދުނިޔޭގެ ޙަޔާތުގައި އާޚިރަތަށް ޓަކައި ގޮވާންކުރި މީހުންނެވެ. މާދަމާ ވެސް މަރުވެދާނޭ ކަމަށް ބަލައިގެން ކޮންމެ ރެއަކާއި ދުވާލެއް ކިޔަމަންތެރިކަމުގައި ހޭދަކުރި މީހުންނެވެ. ވަކި މޫސުމެއް ވަކި ދުވަސްވަރެއް ބަލައިގެން އެކަނި އަޅުކަންކުރި ބައެއް ނޫނެވެ.

ރަމަޟާންމަހު އެކަނި އަޅުކަން ކުރާ މީހުންނާއި އެ މަހުގެ އޮނަހިރި ރޭތަކަށް އެކަނި ސަމާލުވާ މީހުންނަށް ބުނެލަން އޮތީ އޮނަތިރީސް އޭއީ ވެސް އޮނަހިރި ރެއެއްކަމެވެ. އެރޭ ވެސް ލައިލަތުލްޤަދްރިއަށް ވުން އެއީ އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެހެންމެ އޮނަހިރި ރޭތަކެކޭ އެއްފަދައިން ހިރި ރެއެއް ވެސް ލައިލަތުލްޤަދްރިއަށް ވުން އެއީ އެކަށީގެން ވާ ކަމެއް ކަމަށް ބަޔާންކުރާ ހަދީޘް ޞައްޙަ މަގުން ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ. އެހެންކަމުން ޝައްވަލު މަހުގެ ހަނދު ފެންނަންދެން ހީވާގިކަމާ އެކު ރަމަޟާންމަސް އިޙްޔާކުރާށެވެ. އެ މަހުގެ ހެޔޮކަން ފުރިހަމަ އަށް ލިބޭ މީހުންގެ ތެރެއިން ލެއްވުމަށް އެދި ގިނަގިނައިން ދުޢާކޮށް، އެކަމަށްޓަކައި މަސައްކަތްކުރާ ބަޔަކުކަމުގައި ވަމާ ހިނގާށެވެ!