ޖުލައި 4, 2024

ކުށުގެ ވެށީގައި 200 އެއްހާ ކުދިން އެބަ އުޅޭ!

މުޅި ރާއްޖޭގައި ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ 200 އެއްހާ ކުދިން އެބަ އުޅޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭ ދެ ކުޑަކުއްޖަކު ވެގެން އެހެން ކުއްޖަކަށް ގަނާކޮށް، ގޯނާކުރި މައްސަލައާ ގުޅިގެން ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށްޓަކައި ވަޒީރުންގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ޓާސްކްފޯސްގެ ފަރާތުން އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، 2019 ވަނަ އަހަރު ވުޖޫދަށް އައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންނާ ދޭތެރޭގައި އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ދައުލަތުގެ ކޮންމެހެން ކަހަލަ މަރުކަޒެއްގައި ފަރުވާ ދެވޭނެ ނިޒާމެއް އެކުލަވާލަންޖެހޭއިރު، ގާނޫނު ވުޖޫދުވުމުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި އެ ނިޒާމުގެ ތެރެއިން ހާއްސަ ސެންޓަރުތައް ގާއިމުކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، މިހާތަނަށް ޖަލެއް ފިޔަވައި އިތުރު އެއްވެސް މަރުކަޒެއް އަދި ނިމިފައި ނެތް ކަމަށެވެ. އޭގެ ތެރެއިން އެއް ތަނަކީ ލޯންގްޓާމް ރެސިޑެންޝިއަލް ކެއާ ފެސިލިޓީއެއް ކަމަށާއި އެ ތަނަކީ ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ކުދިންނަށް، މުޖުތަމައުއަށް ދޫކޮށްލައިގެން ރިހިބެލިޓޭޝަން ފަރުވާ ނުދެވިދާނެ ކަމަށް ގަބޫލުކުރެވި، ދިގު މުއްދަތަށް މުޖުތަމައުން އެކަހެރިކޮށް، ބަލަހައްޓަން ހަދަންޖެހޭ ސެންޓަރެއް ކަމަށްވެސް ވިދާޅުވި އެވެ.

“އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން މުޖުތަމައުން އެކަހެރިވެދާތަން ފެނި އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއެކު އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާއި ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. އެ ނެގޭ ނެގުން އަންނާނީ ގާނޫނުގައި ބުނާ ގޮތުން ކޯޓު ހުކުމެއްގެ ތެރެއިން. ކޯޓު ހުކުމަކާއެކު އެ ކުއްޖާ ނެގުމަށްފަހު ވިސްނުމަކީ މި ދެންނެވި ލޯންގްޓާމް ކެއާ ފެސިލިޓީއެއް ނަގާފައި އެތަނުގައި ކުއްޖާއަށް 18 އަހަރު ވަންދެން ބެލެހެއްޓުން،” އިހުސާން ވިދާޅުވި އެވެ.