ޖުލައި 4, 2024

އީދުގެ ފުރަތަމަ ދުވަހު މާލޭގައި އުޅަނދު ދުއްވުން މަނާވާނެ

ފިތުރުގެ އީދުގެ ފުރަތަމަ ދުވަހުގެ ހަވީރު މާލޭގައި އުޅަނދު ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އީދުގެ ފުރަތަމަ ދުވަހު ސިޓީ ކައުންސިލްގެ ފަރާތުން އީދު ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 ޖެހުމާ ހަމައަށް އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. ނަމަވެސް އެމްބިއުލާންސް އަދި އެހެނިހެން އެމެޖެންސީގައި ހަރަކާތްތެރިވާން ޖެހޭ އުޅަނދުތައް އެކަމުން އިސްތިސްނާ ވާނެ ކަމަށެވެ.

އީދު ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ކައުންސިލުން ނިންމާފައިވިޔަސް އެއީ ކޮން ހަރަކާތްތަކެއް ކައުންސިލުން އަދި ހާމައެއް ނުކުރެއެވެ. ކައުންސިލުން ބުނީ އެކަމާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

މީގެކުރިންވެސް އީދާ ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.