ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ވަގުތީ ރައީސް ކަމަށް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އިންތިހާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޕީއެންއެފްގެ ޖަލްސާ ދެން ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެ ތަނުގައި އެއްވެސް އަލިކަމެއް ނެތްއިރު، ޖަލްސާގެ ބައިވެރިން ތިބީ ފޯނުގެ ލައިޓް ދިއްލައިގެންނެވެ. އަދި ވާހަކަ ދައްކަން ބޭނުން ކުރަމުންދަނީ އަޑުގަދަކުރާ އެކެވެ.
މިރޭގެ ޖަލްސާގައި ޕާޓީގެ 329 މެންބަރުން ބައިވެރިވި އިރު، ވަގުތީ ރައީސްގެ މަގާމަށް ޒެއިން އިންތިހާބު ކުރީ މެންބަރުންގެ އިއްތިފާގުންނެވެ. ދެން އިންތިހާބުކުރި މަގާމުތައް:
- ސެކްރެޓަރީ ޖެނެރަލް: މުހައްމަދު މަލީހު ޖަމާލް
- ވަގުތީ ހަޒާންދާރު: އަހުމަދު މުސްތަފާ
- ވަގުތީ ރަޖިސްޓްރާ: އަލީ ޝިޔާން
އެ މެންބަރުންވެސް އިންތިހާބު ކުރީ މެންބަރުންގެ އިއްތިފާގުންނެވެ. އޭގެ އިތުރުން ޕީއެންއެފް ވަގުތީ ގޮތުން ހިންގާނެ ކޮމިޓީއެއްވެސް މިރޭ ވަނީ އިންތިހާބުކޮށްފަ އެވެ. ވިހި ބޭފުޅުންގެ މައްޗަށް ހިމެނޭ އެ ކޮމިޓީގައި ޔާމީން، ޒެއިން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހު ހިމެނިވަޑައިގަންނަވަ އެވެ.
ޖަލްސާގައި ޕީއެންއެފްގެ ކުލަ، ނަން، ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދު ވެސް މެންބަރުންގެ އިއްތިފާގުން ފާސްކުރި އިރު، ޖަލްސާ ނިމުމުން ޔާމީން ވަނީ ރާޅުގަނޑު ސަރަހައްދަށް ވަޑައިގެން މެންބަރުންނާ އީދު ސަލާމް ކުރައްވައިފަ އެވެ.
ގުޅުންހުރި
ދިވެހިންގެރާއްޖެ ހޯދަން ރައީސް މުއިއްޒު 15 އަހަރު ވެރިކަމުގައި ބަހައްޓަންޖެހޭ: އަބްދުއްރަހީމް
ކޮރެއާގެ ކުންފުންޏަކަށް 1 މަސް ތެރޭ 3 މިލިއަން ޑޮލަރު ދައްކަން
އުމުރުން ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް އިތުރުވަނީ
ރަށެއްގެ ބަނދަރަށް ވަންނަން ވާދަޖެހި ކަމަށް ބުނާ ލޯންޗުތަކުގެ މައްސަލަ ބަލަނީ
ޖެންޒީންނަށް ވިސްނޭނެ ގޮތަކަށް އިސްލާމް ދީނުގެ ކަންކަން ކިޔައިދޭންޖެހޭ: ރައީސް
ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި