ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ގުޅުވައިދޭ ކޯޒްވޭގެ ޑިޒައިން ތައްޔާރުކުރި ގޮތަށް ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެެ ތެރެއިން މިއަދު އެ އަތޮޅު އިސްދޫއަށް ވަޑައިގެން ވިދާޅުވީ ކުރީ ސަރުކާރުން ވަނީ، އެ ޑިޒައިން ބަދަލުކޮށް، ރައްޔިތުންގެ ބޭނުންވާ ގޮތާއި ހިލާފަށް ކޯޒްވޭގެ މަސައްކަތް ފަށައިފައި ކަމަށެވެ. އަދި އެ މަސައްކަތް އެންމެ އެދެވޭ ބާރު މިނެއްގައި ކުރިއަށްނުދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރި ކަމަށެވެ.
”އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑު ކުރީގެ ހައުސިން މިނިސްޓަރަކަށް ހުރިއިރު އެއިރުގެ ހެދި ޑިޒައިން މިއަށްވުރެމާ ތަނަވަސް ޑިޒައިނެއް އޮންނާނީ. އެ ޑިޒައިން އޮތީ މިދިޔަ ސަރުކާރުން ބަދަލުކޮށްފަ. ރައްޔިތުން ބޭނުންވަނީ ކުރީގެ ޑިޒައިން. އެހެންވީމާ އަޅުގަނޑުމެން ކޮންސްޓްރަކްޝަން މިނިސްޓަރަށް ދަންނަވައިފިން ކުރީގެ އޮތް ޑިޒައިންނަށް ރައްޔިތުން އެދޭ ގޮތަށް ދެވޭނެ ގޮތެއް ބަލާ އެ ގޮތަށް ބަދަލުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން،،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްދީފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ވަރަށް މަދު އަދަދެއްގެ ފައިސާ ހިމަނައިދީގެން ކަމަށާއި އެކަމުގެ ސަބަބުން އެޕްރީލް އަދި މޭމަހުގެ ތެރޭގައި ފަށަން ހުރި މަޝްރޫއުތައް ފެށޭނީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ.
ސަރުކާރުން ބޭނުންވާ ބާރު މިނުގައި މަޝްރޫއުތަކުގެ ނުފެށެނީ މަޖިލީހުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލިސް އިންތިހާބަށް ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ލިބި ސަރުކާރަށް އެއްބާރުލުންދޭނެ މެމްބަރުންތަކެއް އިންތިހާބުވެއްޖެނަމަ، މިދިޔަ ފަސް މަހަށްވުރެ އެތައް ގުނައަކުން ތަރައްގީގެ މަޝްރޫއުތައް އަވަސް ވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ