ޖުލައި 6, 2024

ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ވަނީ ނިންމާފަ: ފައިސަލް

ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް މިއަދު ވިދާޅުވީ ލ. އަތޮޅުގައި އިންވެސްޓުކުރަން ބޭނުންވާ ވަރަށް ގިނަ އިންވެސްޓަރުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އިންވެސްޓަރުންނާ މަޝްވަރާކޮށްގެން  މި ފަސް އަހަރު ނިމުމުގެ ކުރިން ލ/ އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓްގެ މަދުވެގެން ހަތަރު ރިސޯޓް ތަރައްގީކުރުން ކަމަށެވެ.

”ލ. އަތޮޅުގައި ވެސް ޕިކްނިކް އައިލެންޑެއް އަޅުގަނޑުމެން ތަރައްގީ ކުރާނަން. އެ އައިލެންޑަކީ މި ތަނުގައި ދިރިއުޅޭ ލ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށާއި އަދި މިތަނުގައި ލޯކަލް ޓޫރިޒަމްގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް، ހަމަޖެހޭ އުސޫލުތަކުގެ ތެރެއިން ފަހިކޮށްދޭނެ ތަނެއް،“ ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލ. އަތޮޅަށް ޓޫރިޒަމް ތައާރަފުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުލައިޓް ކަނެކްޓިވިޓީ ނެތުމުގެ އިތުރުން އެއާފެއާގެ އަގު ބޮޑުވުމުގެ މައްސަލަ ކަމަށެވެ. އައިލެންޑް އެވިއޭޝަންއާއެކު މަޝްވަރާކޮށްގެން އެ ދެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކުންވެސް ލ. އަތޮޅުގެ ތަރައްގީއަށް ކަމަށްބުނެ ގިނަ ހުވަފެންތަކެއް ދައްކާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ހަގީގަތަކަށްނުވާކަމަށް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ލ. އަތޮޅު ތަރައްގީކޮށް، އަތޮޅުގެ ރައްޔިތުންގެ ހުވަފެންތަށް ހަގީގަތަކަށް ހަދައިދޭނެކަމަށް ފައިސަލް ވިދާޅުވިއެވެ.