ނޮވެމްބަރ 22, 2024

ކޮވިޑް ލޯނުގެ އިންޓްރެސްޓް މާފުކޮށްދެނީ ލޯނު ދައްކަން ޖެހޭ ތާރީހު 10 އަހަރަށް އިތުރުކުރާ ގޮތަށް!

ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދެނީ އެ ލޯނުތައް ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް އިތުރުވާ ގޮތަށްކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ލ. ފޮނަދޫއަށް ވަޑައިގެން ވިދާޅުވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާއި އެސްޑީއެފްސީން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެސްޑީއެފްސީން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ ކޮވިޑު ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ލޯނުގެ ޕްރިންސިޕަލް އަދަދުން އުނިކުރެވިގެންދާނެ ކަމަށެވެ. އެގޮތަށް އުނިކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެ ފައިސާ އަނބުރާ ރައްދުކުރާނެ ކަމަށެވެ. ނަމަވެސް ލޯނު ދައްކަންޖެހޭ މުއްދަތު 10 އަހަރަށް އިތުރުވެގެންދާނެ ކަމަށެވެ.

”ކޮވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކުރެވިފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ލޯނު ދޫކުރެވުނު ތާރީހުން ފެށިގެން ޖުމްލަ 10 އަހަރަށް އިތުރުކޮށްދޭނެއެވެ،،“ އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީން ބުނީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފުތާ ތެރޭގައި، ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލޯނުގެ އިންޓްރެސްޓު މާފުކުރުމުން އަންނަ ބަދަލުތައް ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ