ނޮވެމްބަރ 21, 2024

ރާއްޖެފަދަ ކުދި ގައުމުތަކަށް ދިމާވާ މާލީ ދަތިކަމުން އަރައިގަތުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ: ފައިސަލް

ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް ދިމާވާ މާލީ ދަތިކަން ހުއްޓުވުމަށް ދަރަނި ލިބޭނެ އުސޫލުތައް ލުއިކުރުމަށް ބައިނަލްއގުވާމީ ފެންވަރުގައި ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް ގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ ކުދި ގައުމުތަކުގެ އިގްތިސޯދުތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ނުލިބޭ ކަމަށެވެ. ފައިސަލް ވިދާޅުވީ ލޯނު ނެގުމަކީ ހަރަދު ބޮޑު ކަމެއްކަމުން، އިގްތިސޯދީ ކުރިއެރުމަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހަނިވެ، ދިގު މުއްދަތުގައި އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ފައިނޭންޝިއަލް ރިސެޝަންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ބޮޑު އަގެއްގައި ނަގާ ބޭރުގެ ދަރަނިތަކަކީ ދެމެހެއްޓެނިވި ދަރަނިތަކެއް ނޫން ކަމަށެވެ. ދަރަނި އިތުރުވުމުގެ ސަބަބުން ގައުމަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސެން ނުހުންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ،

ރާއްޖެއިން ވަކާލާތު ކުރަނީ މާލީ ދަތިކަން ކުރިމަތިވާ ގައުމުތަކަށް އެހީތެރިކަން އިތުރުކުރުމާއެކު ދަރަނި ކުޑަ އިންޓްރަސްޓެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްކަަށް ފައިސަލް ވިދާޅުވިއެވެ.