ޖުލައި 2, 2024

ޕީއެންއެފް ބައެއް މީހުން ރައީސް އަޒުލުކުރަން ބޭނުންވިޔަސް އެކަމަށް ތާއީދު ނުކުރައްވަން: ޔާމީން

އެއްވެސް ކަހަލަ ހަރުދަނާ އަސާސެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލުކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެންއެފް)ގެ ތެރެއިން ބަޔަކުކުރާ މަސައްކަތައް ތާއީދު ނުކުރައްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލްކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ. ހައި ކޯޓުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންއެފްގެ ތެރެއިން ބޭފުޅަކު ރައީސް މުއިއްޒު އަޒުލުކުރެއްވުމަށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ. އަދި އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަކުރެވޭނަމަ އެ ބޭފުޅަކީ އެމަނިކުފާނުކަމަށް ޔާމީން ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިކަހަލަ ކޮމްޕަލްޝަންއަށް ބޭސްކޮށްފައި އެއްވެސް ކަހަލަ އުސޫލެއް ނެތި ޑްރައިވް ކުރާ އެޖެންޑާތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމޭ. އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުއިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޕީއެންއެފްއިން އެންމެ އިސްކަމެއް ދީގެން ކުރާނީ މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކަމަށެވެ. ޔާމީން ވިދާޅުވީ މި ސަރުކާރުގެ ފަރާތުން އެ މަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންތައްތަކެއް ފެނިގެންދާ ކަމަށެވެ. އެއީ އެއްވެސް ފެންވަރެއް ނެތް މީހުންނަށް ވަޒީފާ ދިނުމާއި ތައުލީމީ ޒުވާނުން ބާކީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވަކި އާއިލާތަކެއްގެ މީހުންނަށް ތައުލީމާއި ތަޖުރިބާ ނެތަސް މި ސަރުކާރުން ވަޒީފާ ލިބެމުންދާ ކަމަށެވެ.

މި ސަރުކާރުން ވަނީ ހިއްކާފައިވާ ބިންތަކެއް ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށާއި އެފަދަ ކަންކަން ގަބޫލުނުކުރެއްވޭނެ ކަމަށާއ އެ ހުރިހާ ކަންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ގޯސް ކަންތައްތަކެއް ހިނގާނަމަ ސަރުކާރަށާއި ރައީސް މުއިއްޒަށް ފާޑު ވިދާޅުވާނެ ކަމަށެވެ.