ބޭކަރު ވާހަކައާއި ކަންތައް ގިނަވުމަކީ މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާ ލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މުއުމިނުންގެ ސިފަތައް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކާމިޔާބުގެ އަހުލުވެރިން ސިފަކުރައްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގައި ފުރަތަމަ ސިފައެއްކަމުގައި ގެންނަވާފައިވަނީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށެވެ. އެއީ ނަމާދުގައި މަޑުމޮޅިވެ، އެ ނަމާދު މާތް ﷲ ގަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޒާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫއަތްތެރިވާ މީހުން ކަމަށްވެސް ބުންޏެވެ.
ދެވަނަ ސިފައަކީ ބޭކާރު ވާހަކައާއި ކަންތައް ގިނަވުންކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިއާއާއި ހަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި ހަގީގަތާ ދުރު ކަންކަމުގައި މަޝްއޫލުވެއުޅުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަންޖެހޭ ވާހަކައެއް ނޫން ކަމަށާއި ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމުލައަކީ ގިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމުލައެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުގައި ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާ ދެކޮޅަށް މި އުންމަތުގެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނު ހަނގުރާމަ ކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތް ކަމަށެވެ.
ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކަކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ ގުނަވަނަށް ރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާހިޝް ކަންތައްތަކުން ދުރުހެލިވުން ކަމަށެވެ. އަދި ފާހިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުންވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައި ބުންޏެވެ.
ހުތުބާގައި ބުނީ، މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި މާތް ﷲގެ ވަހީ ބަސްފުޅުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި އަހުދުތަކަށް ރައްކާތެރިވުން ކަމަށެވެ. އެގޮތުން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ހަވާލުވެފައިވާ މީހެއް ކަމަށާއި އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށް ބުންޏެވެ.
އެގޮތުން އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ހަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތައް ކަމަށާއި ފަރުޟު ފަސް ނަމާދާއި ޒަކާތާއި ރޯދައާއި ހައްޖު ކަމަށެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ހައްގުތައް ކަމަށާއި އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭ ނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދުތަކަށް ރައްކާތެރިވެ، ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށެވެ. އަދި ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާހާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމަށާއި އެފަދަ މީހުންނަކީ ސުވަރުގޭގެ ވާރުތަވެރިން ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ބޭރު ފައިސާއާ ބެހޭ ބިލްގެ ޑްރާފްޓުގައި ޑޮލަރު މާރުކުރުމަށް ލުއިތަކެއް ދީފި
ފުލެޓް ލިސްޓަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް: ހައުސިން
ސްޓެލްކޯގެ މަސައްކަތުން ސޯލާ އެނާޖީގައި ރަކީދޫއަށް ބޮޑު ކުރިއެރުމެއް!
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ