ޖުލައި 4, 2024

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިޔާސަތަށް އޭޑީބީން ތައުރީފު ކޮށްފި

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިޔާސަތަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ތައުރީފު ކޮށްފިއެވެ.

އޭޑީބީން އާންމުކުރި އޭޝިއަން ޑިވެލޮޕްމެންޓް ރިޕޯޓުގައި ރާއްޖެއާ ބެހޭ ގޮތުން ބަޔާންކޮށްފައިވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ހިފަމުންދާ ކަމަށާއި އަދި ތިމާވެއްޓާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ސިޔާސަތުތަކެއް ރާއްޖެއިން ގެންގުޅެމުންދާ ކަމަށެވެ.

ރިޕޯޓުގައި އޭޑީބީން ބުނީ ހަނިމާދޫގައި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމުގެ ސަބަބުން މުޅި ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުވުމުގެ އިތުރުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރުމަށް ބާރަކަށް ވެގެންދާނެ ކަމަށެވެ.

އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމަށް ހުރި ބައެއް ގޮންޖެހުންތައް ވެސް ފާހަގަކޮށްފައެވެ. އެގޮތުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުވުމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ލޯނު ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށް އޭޑީބީން ބުންޏެވެ. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބައެއް ތަކެތީގެ އަގު ބޮޑުވުމަކީ ވެސް ގޮންޖެހުމެއް ކަމަށް އޭޑީބީން ބުންޏެވެ.

ނަމަވެސް އޭޑީބީން ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފު ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރާފާނެ ކަމަށް ބެލެވޭ ކަމަށް އޭޑީބީން ބުންޏެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރާ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 5،900 ހެކްޓަރެވެ. ރާއްޖޭގައި އުފައްދަނީ، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އެންމެ 10 ޕަސަންޓެވެ. 2005 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ދަނޑުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރަނީ އެންމެ 1.5 ޕަސަންޓެވެ.