ޖުލައި 6, 2024

ޓޫރިޒަމް މިނިސްޓްރީގައި 25 ސިޔާސީ މީހުން، މުސާރައަށް މަހަކު 770،000 ރުފިޔާ!

ޓޫރިޒަމް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމުލަ 25 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، 17 ނޮވެމްބަރު  2023އިން ފެށިގެން މި މަހު 2 ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް ’ދައުރު‘ ނޫހުން އެ މިނިސްޓްރީގައި އެދުމުން ފޮނުވި ޖަވާބުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވާ ގޮތުން މިނިސްޓަރު އިބްރާހިމް ފައިސަލްގެ މުސާރަ އާއެކު ސިޔާސީ ބޭފުޅުންގެ މުސާރައަށް މަހަކު 770،000 ރުފިޔާ ހޭދަވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ތިބި ސިޔާސީ ބޭފުޅުންނާއި އެ ބޭފުޅުންގެ މުސާރަ:

  • މިނިސްޓަރު އިބްރާހިމް ފައިސަލް (66،000ރ.)
  • 2 ސްޓޭޓް މިނިސްޓަރުން (އެ މަގާމުގެ މުސާރައަކީ 43،500ރ.)
  • 11 ޑެޕިއުޓީ މިނިސްޓަރުން (އެ މަގާމުގެ މުސާރައަކީ 31،500ރ.)
  • 9 ސީނިއާ ޕޮލިޓަކަލް ޑިރެކްޓަރުން (އެ މަގާމުގެ މުސާރައަކީ 25،500ރ.)
  • 2 ޕޮލިޓިކަލް ޑިރެކްޓަރުން (އެ މަގާމުގެ މުސާރައަކީ 20،500ރ.)