ޖުލައި 4, 2024

ރައީސްގެ މެސެޖެއް އަނެއްވާސް އިންޑިއާއަށް: ދިވެހިން ތިބިގޮތް މިހާރު ބޭރު ދުނިޔެއަށް ސާފުވާނެ!

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ދިވެހިން ތިބިގޮތް މިހާރު ބޭރުގެ ފަރާތްތަކަށް ސާފުވެފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރާއްޖެއަކީ ފަހުރުވެރި އަދި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމާއި ދިވެހިން ބޭނުންވަނީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން ބޭރުގެ ފަރާތްތަކަށާއި ވަކި އެޖެންޑާއެއްގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކ މިހާރު ސާފުވާނެ ކަމަށެވެ.

”ރާއްޖޭގެ މިކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ވަރަށް ޔަގީންވޭ ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން“ ރައީސް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ރައީސް އެގޮތަށް ވިދާޅުވީ އަވައްޓެރި އިންޑިއާއަށް މެސެޖެއް ދިނުމުގެ ގޮތުންނެވެ. މީގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ވެސް ރާއްޖެ ވަޑައިގެން އިންޑިއާ އަމާޒު ކުރައްވާ ވިދާޅުވެފައިވަނީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ރާއްޖެ ބުލީ ކުރުމުގެ ލައިސަންސް އެއްވެސް ބަޔަކަށް ލިބިދީފައިނުވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދެވި ”އިންޑިއާ އައުޓް“ ހަރަކާތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވަޑައިގެންފައެވެ. އެއިރު ރައީސް މުއިއްޒު ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައެވެ. ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ވަނީ ފަހުން އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު އެންމެ ގަދަޔަށް ދެއްކެވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި ސިޔާދަތަށް ބުރޫ އަރާފައިވާ ކަމަށެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އަވަށްޓެރިކަން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ވަނީ ވަރަށް ބޮޑުކޮށް ހީނަރުވެފައެވެ.