ޖުލައި 6, 2024

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައިކުރުން މެއި 28ގައި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބުވެފައިވާ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހުވައި ކުރައްވާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންތިހާބަށްފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ މެންބަރުން ހުވައި ކުރުމުގެ ތައްޔާރީތައް މަޖިލިސް އިދާރާއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަަނާޅާ ހިނދަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ:

  • ޕީއެންސީ އަށް: 66 ގޮނޑި
  • އެމްޑީޕީ އަށް: 12 ގޮނޑި
  • އަމިއްލަ މެންބަރުންނަށް: 11 ގޮނޑި
  • އެމްޑީއޭ އަށް: 2 ގޮނޑި
  • ޖޭޕީ އަށް: 1 ގޮނޑި
  • އެމްއެންޕީ އަށް: 1 ގޮނޑި

 

ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑި އެވެ.