ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު ދީފި އެވެ.
އެ މަގާމަށް އޭނާ އައްޔަންކުރީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގަ އެވެ. ނަމަވެސް އެ މަގާމަށް ޑީޑީ އައްޔަން ކުރި އިރު، އޭނާއާ ގުޅޭ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެބަ އޮތެވެ. އެ މައްސަލާގައި ދައުވާ ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އެ އޮފީހުން ބުނެ އެވެ.
އެ މައްސަލައަކީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ”ނާޖާއިޒް މަންފާތަކެއް ހޯދި“ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ގޮތުން، ފަނޑިޔާރެއްގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ޑީޑީއަށް ދެ ފަހަރެއްގެ މަތިން 30،000 ޑޮލަރު (462،600ރ.) ލިބިފައިވެ އެވެ.
އެ މައްސަލައިގައި ޑީޑީ ފަނޑިޔާރުކަމުން ވަކިވެސް ކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ 72 މެންބަރުންގެ ވޯޓާ އެކު އޭނާ ވަކިކުރަން ނިންމީ ޖޭއެސްސީ އިން އޭނާގެ މައްސަލަ ބަލާ މަޖިލީހަށް ފޮނުވުމުން އޮގަސްޓް 28، 2019 ގަ އެވެ. އޭނާ އަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.
އޭގެ އިތުރުން އޭނާގެ މައްޗަށް ސީރިއަސް ތުހުމަތެއް މީގެ ކުރިން ކޮށްފައިވެ އެވެ. އެއީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރާ މީހުން ދޫކޮށްލުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތެވެ.

ގުޅުންހުރި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިއަކަށް ކުރީގެ ރައީސް ވަހީދު
މޯލްޑިވްސް އެކްސްޕޯގައި 275 ވަނައެއް ހޮވައި އިނާމު ދީފި، ރަން ވަނަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު