ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ)ގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުއާޒު ވިދާޅުވީ، ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ ބޯޑުގެ ހުއްދަ ނެތި 60 މަޝްރޫއެއް ފަށާފައިވާތީ އެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން 25 މަޝްރޫއެއްގައި ގޯސްކޮށް ކަންތައް ހިންގާފައިވާ ކަމަށް ފާހަގަކުރެވި އެ މަޝްރޫއުތަކުގެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓެެއް ހެދުމަކާ ނުލައި އަދި މާކެޓުގައި ތަކެތި ހުރި އަގު ބެލުމެއް ނެތި މަޝްރޫއުތައް ފަށާފައިވުމުގެ ސަބަބުން މާކެޓްތަކުގައި ހުރި އަގަށްވުރެ 50 ޕަސެންޓް ބޮޑު އަގުގައި ތަކެތި ގަނެފައިވާ ކަމަށެވެ.
އަދި އެ މަޝްރޫއުތައް ފަށާފައިވަނީ ނިމޭނެ ދުވަހެއް އަދި މަޝްރޫއު އަށް ބޭނުންވާ މުވައްޒަފުންނާއި މަޝްރޫއު ނިމޭނެ އަގެއް ކަނޑައަޅައިގެން ނޫން ކަމަށްވާތީ މުވައްޒަފުންގެ މުސާރައަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުއާޒު އިތުރަށް ވިދާޅުވީ، އެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓުތަކުގައި ގޯސްކޮށް ކަންކަން ކުރި ފަރާތްތައް ހޯދައި، ސާބިތު ކުރެވޭވަރުގެ ހެތްކާއެކު ކަމަށެވެ. އެގޮތުން އެ މައްސަލަތަކުގެ ތެރެއިން އެކި މައްސަލަަތަކުގައި އެކި މިންވަރަށް އެކި ފަރާތްތައް ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް