ޖުލައި 4, 2024

ޕީއެންސީއަށް ދިޔަ ހަ ބޭފުޅުންގެ ޝަރުތު އުންޏެއް ނުވޭ، ޕާޓީ ބަދަލުކުރަން ފުރުސަތު ލިބޭ: ހަބީބު

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް އެ ހަ ބޭފުޅުން ސޮއިކުރެއްވީ މުލިއާ ގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު އެ ބޭފުޅުން ނެގި ފޮޓޯ އަކާއެކު ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެ ޕާޓީއަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:

ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
ހަސަން ޒަރީރު – މަތިވެރި ދާއިރާ
އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ
އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނާ ހިލާފުވެފައިނުވާ ކަމަށެވެ.

”ގާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތުތަކުންކުރެ ޝަރުތެއް މި 6 ބޭފުޅުންގެ އުންޏެއް ނުވޭ. އަދި އެންޓި- ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކު ވެސް 2024 މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް“ ހަބީބު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 72 ވަނަ މާއްދާއަކީ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން މަޖިލީހުގެ މެންބަރަކަށް ވެވޭނީ ދިވެހި ރައްޔިތަކަށްވެފައި، ބޭރުގެ ރައްޔިތަކެއް ކަމުގައިނުވާ މީހުންނަށާއި ސުންނީ ޖަމާއަތަކަށް ނިސްބަތްވާ މީހުންގެ އިތުރުން 18 އަހަރު ފުރިފައިވާ މީހުންނަށާއި ބުއްދި ސަލާމަތުން ހުންނަ މީހުންނަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ވަނަ މާއްދާގެ (ބ)އާ ހިލާފަށާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުނި ނުކުރެވޭނެ ކަމަށެވެ.

އަލަށް ސޮއިކުރި މެންބަރުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް އެކަނިވެސް މިހާރު 72 ގޮނޑި ލިބެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރި އިރު، ސުޕަމެޖޯރިޓީ އަކީ 70 އެވެ. އެހެންކަމުން ރައްޔިތުން އަމަލު ކުރުން ލާޒިމުވާ ފަދަ ބޮޑެތި ގާނޫނުތަކުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުން ވެސް، އެހެން ޕާޓީއެއް ނުވަތަ މެމްބަރެއްގެ އެހީއާ ނުލައި، ޕީއެންސީއަށް މިހާރު ފަސޭހަވާނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ތާއީ ދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވި އެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަ މެޖީރިޓީގެ ޖުމުލަ އަދަދު 76 އަށް އަރަ އެވެ.